
މި އެކްސްޕޯއަކީ ރަށްރަށުގެ ސަގާފަތާއި އާދަކާދަ އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ބާއްވާ ހާއްސަ އެކްސްޕޯއެކެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސާ މޫސާ ނިމާލް ވިދާޅުވީ މިފަދަ މުހިންމު އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ. އަދި މި އެކްސްޕޯއަކީ ވިޔަފާރިތަކާއި އާންމު ރައްޔިތުން ގުޅުވައިދޭނެ މުހިންމު މަންސައެއް ކަމަށް އޭނާ އުންމީދުކުރައްވާ ކަމަށް ބުންޏެވެ.
ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތް ދޭ ބޭންކުން މި އެކްސްޕޯގައި ބައިވެރިވުމަކީ އެކްސްޕޯއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސްޓޯލްތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.