![](https://cnm.mv/media/images/stmnadaf.jpg)
މިކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރ ކާނަލް އަހްމަދު ޒުބައިރުއެވެ.
އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން ފުރިހަމަކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ސިވެކްއާއި އެކު މިއަދު އެކުލަވާލި އެއްބަސްވުމުގެ ދަށުން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުންކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ ވިދާޅުވީ ބައެއް ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން ނުކުމެ މީހުން ސަލާމަތްކޮށްދީފައިވާކަށެވެ. އަދި މި މުވައްޒަފުންނަކީ އެމްއެންޑީއެފުން ހިނގި ޓްރެއިނިންތަކުގައި ބައިވެރިވި މުވައްޒަފުންކަން ފަހުމީ ފާހަގަކުރެއްވިއެވެ.
އެމްޑީ ފަހުމީ ވިދާޅުވީ މަސައްކަތުގެ މާހައުލުގައިވެސް، އަދި ޤައުމަށް ހިދުމަތްކޮށްދިނުމުގައި ވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގައިވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއްކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ޙުސައިން ފަރުހާދު ވިދާޅުވީ ކުންފުނީގެ އަމާޒަކީ، ކުންފުނީގާ އިހްލާސްތެރިކަމާއި ވަފާތެރިކަމާއި ބުރަކޮށް މަސައްކަތްކުރާ ހިތްވަރުގަދަ ޓީމެއް އުފެއްދުންކަމަށެވެ.
ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނު ކުރާނެ ދާއިރާތައް
- ބޭސިކް ފަސްޓް އެއިޑް
- ފަޔާ އެވެއާނެސް
- އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯސް
- ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން
- ސުވިމިން އެންޑް ރެސްކިއު
- ލައިފް ކޯޗިން
މީގެ އިތުރުން ފަޔާ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމަނާފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.