
ހުޅުމާލޭގެ ލޭންޑް ސްކޭޕަށް ގެންނަ ބަދަލާއިއެކު ބޮޑެތި މަގުތަކުގައި ވަނީ ރައުންޑްއެބައުޓް ބަހައްޓާ ޓްރެފިކް ފްލޯތައް އެ ގޮތަށް ބަދަލުކޮށްފައެވެ.
އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް މޮނިއުމެންޓްްތައް ބަހައްޓަން ނިންމި ނިންމުން އެކުންފުނިން އަލުން މުރާޖާކުރިކަމަށެވެ. އެކަން އެގޮތަށް ކުރީ އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާއި ގުޅިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަހުމަދު އިބްރާހިމް ވިދާޅުވީ އެޗްޑީސީން 'ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް' ޕްރޮޖެކްޓްގެ ގްރީންސްކޭޕިން ނިންމާލާފައިވާކަމަށެވެ. ރައުންޑްއެބައުޓްތަކުގައި އިންދި ބަގީޗާ ގަސްތައް ހެދި ބޮޑުވެ، މާތައް އަޅައި ފޮޅެން ފެށުމުން އިތުރަށް ހިތްގައިމުވާނެކަމަށް އޭނާ އެކްސްގައި ކުރި ޕޯސްޓްގައިވެއެވެ.
އެޗްޑީސީން ކުރިން ނިންމީ މި ރައުންޑްއެބައުޓްތަކުގައި، ދީނާއި ސަގާފަތާއި މަސައްކަތްތެރިކަން ދައްކުވައިދޭ މޮނިއުމެންޓްތައް ބަހައްޓާށެވެ. އަދި 17 މޮނިއުމެންޓެއް ޑިޒައިންކުރަން އެ ކުންފުނިން ހުޅުވާލިއެވެ. އަދި ޑިޒައިންތަކުން އެއްވަނައަށް އައި ފަރާތެއް ހޮވާ އެކަންވެސް އިއުލާންކުރިއެވެ.
މޮނިއުމަންޓުތައް ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއް ވަނަ ހޯދި ހުށަހެޅުންތަކަކީ އާޓިފިޝަލް އިންޓަލިޖެންސް ނުވަތަ އޭއައިގެ އެހީގައި ހަދާފައިވާ ތަކެތި ކަމަށް ބުނާތީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ އެ ނިންމުން ބާތިލުކޮށް އެއްވަނަ ދިޔަ ޑިޒައިންތައް ރިވިއުކުރަން އެ ކުންފުނިން ނިންމިއެވެ.