
ދިރާގުން ބުނީ ފެބުރުވަރީ 13 އިން 15 އަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދިޔަ 3 ދުވަހުގެ މި ފޯރި ގަދަ ގޭމިން ފެސްޓިވަލުގައި 400 އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ދިވެހިރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބޭއްވި މި ވާދަވެރި އިވެންޓުގައި، ރޮކެޓް ލީގް، އީ.އެފް.ސީ 25 ފަދަ ގޭމްތައް ވަނީ ހިމަނައިފައެވެ. މި ގޮތުން، މި އިވެންޓް ފަރުމާކޮށްފައިވަނީ އަލަށް ގޭމް ކުޅެން ފަށާ ގޭމަރސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމަރސް އަށް ވެސް ބައިވެރިވެވޭ ފަދަ ގޮތަށެވެ.
ޑީޖީޖީ އިން ވަނީ ގޭމް ކުއެސްޓް ސީޒަން 1 ގައި ބައިވެރިވެ ވަނަތައް ހޯދައިފައިވާ ގޭމަރސްއަށް ޖުމްލަ 30،000 ރުފިޔާގެ އިނާމް ދީފައެވެ. މި ކަން ވެގެން ދިޔައީ، މި ގޭމް ކުއެސްޓްގައި މިހާ ގިނަ އަދަދެއްގެ ގޭމަރސް ބައިވެރިވެ، މިހާ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުހިންމު ސަބަބަކަށެވެ.
2025 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފަށާ ޑީ.ޖީ.ޖީއިން މި އަހަރަށް ތައްޔާރުވެފައިވާ މިންވަރު ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން، ޑީޖީޖީއިން މި އަހަރަށް ރާވައިފައިވާ ހުރި ހަރަކާތްތަކަށް ދިވެހި ގޭމިން ކޮމިއުނިޓީއިން ދަނީ އިންތިޒާރު ކުރަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.