
އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީހަށް އޭސީސީގެ ޓީމުން ވަނީ މިއަދު މެންދުރުފަހުއެވެ. އެ ޓީމުން ގެންދަނީ ތަހުގީގަށް ބޭނުންވާ ލިޔުންތައް ނަގަމުންކަމަށް އޮފިޝަލަކު ވިދާޅުވިއެވެ. އެ ޓީމުން އަދިވެސް އެތަނުގައި އުޅޭކަމަށް ހަބަރު ލިބެއެވެ.
ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޕްލޮކޯއިން މަސައްކަތްކޮށްފައިވާއިރު އެ މަޝްރޫއުގެ ކިޔެކިޔުންތައް ޕޮލްކޯގައި ނެތްކަމަށް އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މަޖިލީހުގެ ކޮމެޓީގައިވަނީ ވިދާޅުވެފައެވެ. ކޮމެޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނަރަލް ނިޔާޒީ ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް އެ އޮފީހުން މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރުމުން ޕޮލްކޯގެ ސާވާއެއްގެ މައްސަލަ ޖެހިފައި ހުރުމުން ލިޔެކިޔުންތައް ފެންނަން ނެތްކަމަށް ފުލުހުންގެ ވެރިން ބުނިކަން ނިޔާޒީ ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ގެޒެޓުން ފެނޭތޯވެސް ބެލިކަމަށާއި ގެޒެޓްގައިވެސް އެ މައުލޫމާތު ނެތްކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދާ ފިޔަވަޅު އެޅުމަށް އޭސީސީއާ ތަހުގީގީ އިދާރާތަކަށް އޮޑިޓާ ޖެނެރަލް ވަނީ އަންގާފައެވެ.
އޮޑިޓް އޮފީހުން ވަނީ ފުލުހުންގެ ހައުސިން ޕްރޮޖެކެޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) މަސައްކަތް ކުރިޔަށް ގެންގޮސްފައިވާގޮތް ބެލުމަށް ހާއްސަ އޮޑިޓެއް ކޮށްފައެވެ. ފުލުހުންނަށް ހާއްސަކޮށްގެން 2013 ވަނަ އަހަރު އަޅަންފެށި ތިން ޓަވަރުގެ ހައުސިން މަޝްރޫއުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިންނެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުންފުނީގެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައއިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ. އެހެންނަމަވެސް ޕޮލްކޯއިން މި މަސައްކަތް ކުރުވާފައިވަނީ އަކަފޫޓަކަށް 1،851 ރުފިޔާއަށް ކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންނަށް އެޅި ހައުސިން ޔުނިޓްގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާއެވެ. ފަހުން އެކުންފުންނާއި އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް ދެން ހަވާލުކުރީ ނޫމަޑި ރިޕްރެޒެންޓު ކުރާ މީހާގެ މެނޭޖިން ޑައިރެކްޓަރުކަމުގެ ދަށުން ހިންގާ އައިލެންޑް އެކްސްޕާޓްސް ކިޔާ ކުންފުންޏަކާކަމަށް އޮޑިޓްގައި ބުނެއެވެ. އަދި އެކަން ކޮށްފައިވަނީ އެ މީހާއަށް ފައިދާ ވާގޮތަށްކަމަށެވެ. އަދި އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވަނީވެސް ވަކި ބަޔަކަށް ނާޖައިޒް ފައިދާ ހޯދައިދޭންކަމަށް ބެލެވޭކަމަށްވެސް އޮޑިޓްގައިވެއެވެ.