
މިނިސްޓަރު ހަލީލް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ކުރިއަށް ޑިސަނަޔަކެގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް އާއެކު ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދު އާއި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާގެ އިތުރުން ވެސް ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރު ހަލީލް ދެއްކެވި ވާހަކައިގައި، ސްރީލަންކާ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާ މަސައްކަތާއި، ވެދޭ އެހީތެރިކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މިނިސްޓަރު ހަލީލް މިވަގުތު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ލަންކާގެ ބޮޑުވަޒީރު ޑރ. ހާރިނީ އަމަރަސޫރިޔާއާ ވެސް ބައްދަލުކުރައްވައިފަ އެވެ.