
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވަޢުދެއް ކަމުގައިވާ ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން 1677 އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި މި ހެލްޕްލައިންއިން ވަނީ، 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ހާއްސަ ފަރުވާއަށް ރިފަރ ކޮށް، ނަފްސާނީ އެކިއެކި އިނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި ނަފުސާނީ އެހީތެރިކަމަށް ޚާއްސަކޮށްގެން މިފަދަ ހެލްޕް ލައިނެއް ފުރަތަމަ އުފައްދާފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.
ނަމަވެސް 24 ގަޑިއިރަށް ހިދުމަތްދޭގޮތަށް ތާރަފުކުރެވުނު މި ހެލްޕްލައިނަކީ ރާއްޖޭގައި ނަފުސާނީ ބަލިމަޑުކަމަށް ކޮންމެ ވަގުތަކު ވެސް އެހީދެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހެލްޕްލައިނެވެ.
މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ. މި ހެލްޕްލައިން އިން ނަފްސާނީ ފުރަތަމަ އެހީއާއި އެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަން، މައުލޫމާތު ދިނުން އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ހިދުމަތްތަކަށް ރިފަކޮށްދެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ހިދުމަތް ދޭ ފަރާތްތަކަކީ ލައިސަންސް ލިބިފައިވާ ފަންނުވެރިންކަން ކަށަވަރުކޮށް، ކޯލް އޭޖެންޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި އަދި އެސްއޯޕީތަކާއި ރިފަރަލް ނިޒާމުތައް ތައާރަފް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.