މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ ރޭގައެވެ. ކޭސްތައް ބަހަން ފަށަން ހަމަޖެހިފައިވާ ވަގުތުގެ އެތައް އިރެއް ކުރިން މީހުންވަނީ ނުކުމެ ދިގު ކިޔުތައް ދަމާލާފައެވެ. އަދި ރޭ ވަރަށް ދަންވަންދެން ގިނަ ބަޔަކު ވަނީ ކިއުތަކުގައި މަޑުކޮށްފައެވެ. ބައެއް މީހުން ތިން ގަޑިއިރަށްވުރެ ގިނަ އިރު ކިއުތަކުގައި ތިއްބެވެ.
މިކަމަށްް ހައްލެއް ގެނައުމަށް މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި 13 ތަނަކުން މަސްދަޅު ކޭސް ބަހަމުން ގެންދާނެކަމަށް ސިޓީތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން މަސްކޭސް ބަހާ ސަރަހައްދުތައް
ވަޒީރު އާދަމް ޝަރީފް އުމާރު ވިދާޅުވީ ހޫނު ގަދަކަމަށް ފެންނާތީ ދުވާލު މަސްދަޅު ކޭސް ބެހުން ނޯންނާކަމަށެވެ. އޭގެ ބަދަލުގައި މަސްދަޅު ކޭސް ބަހަމުން ގެންދާނީ ރޭގަނޑުކަމަށާއި އެންމެނަށް ލިބެންދެން ބަހާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް މާލޭ ސަރަހައްދުގައި ޖުމްލަ 9394 މަސްދަޅު ކޭސް ބަހާފައިވާކަމަށެވެ.
މަސްދަޅު ބެހި އަދަދުތައް
ވަޒީރު އާދަމް ޝަރީފް އެދިވަޑައިގަތީ މަސްދަޚު ކޭސް ހޯދުމަށް ގިނަ ވަގުތު ތިބެންޖެހޭ ގޮތަށް ދިގު ކިޔުތަކަށް ނޭރުމަށެވެ. ވަޒީރު ވިދާޅުވީ މިމަހުގެ ނިޔަލަށް މަސްދަޅު ބަހަން ކަނޑައަޅާފައި އޮތްނަމަވެސް އޭގެ ފަހުންވެސް މަސްދަޅު ކޭސް ބަހާނެކަމަށާއި އެންމެނަށް ލިބެންދެން ރޯދަ ހަދިޔާ ބަހާނެކަމަށެވެ.