ރޯދަ މަހާ ދިމާކޮށް ސަރުކާރުން ފަށާފައިވާ މި ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަސައްކަތް ހަލުވިކުރުމަށް މުވައްޒަފުން އިތުރުކުރުމާއި އެހެނިހެން އިންތިޒާމުތައް ވެސް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކިއުގައި ޖެހި މީހުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް، މިހާރު ވަނީ އޮންލައިން ޓޯކަން ނިޒާމެއް ތައާރަފުކޮށްފައެވެ. މި ނިޒާމުގެ ދަށުން ކޮންމެ ދުވަހަކު 50 އިން 200 އާ ދެމެދުގެ އަދަދަކަށް ޓޯކަން ދޫކުރެވޭނެއެވެ. މަސްދަޅު ކޭސް ބެހުން ކުރިއަށްދާނީ ކޮންމެ ރެއަކު 8:00 އިން ދަންވަރު 12:00 އަށެވެ.
މާލޭގައި މިހާރު ވަނީ މަސްދަޅު ކޭސް ބެހުމަށް 13 މަރުކަޒެއް ގާއިމުކޮށްފައެވެ. އަދި މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.