
ކުޑަގިރިއަށް ދެއަހަރު ފުރުމާ ގުޅިގެން ހައުސިން ޑިވެލޮޕމެންޓް ކޯޕޮރޭޝަން އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް އަދި ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން އިއްޔެ ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެރަށުގެ އިންތިޒާމުތައް ބައްވަލާލައްވާފައެވެ.
އަދި ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއްވެސް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ. އެޗްޑީސީން ބުނީ މިއީ، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެއްކަމަށެވެ.
އެޗްޑީސީގެ އެމްޑީ ކުޑަގިރީގައި ކުރިއަށް ގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގައި ބައިވެރިވުން
ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރު ވެސް ހުރި ނަމަވެސް، ދެ އަހަރު ފުރުނުއިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުން ދާކަމަށް އެ ކޯޕޮރޭޝަނުން ފާހަގަކުރެއެވެ. އެގޮތުން، ކުޑަގިރިއަށް ދަތުރު ދިއުމާއި، އެތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް އިއްޔެ ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައެވެ. އަދި އެ ކައުންޓަރުން ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށްވެސް ނިންމާފައިވާކަމަށެވެ. މިއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސޭ އިންތިޒާމެެއް ކަަމަށް އެކުންފުނިން ފާހަގަކުރެއެވެ.
އޭގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ. މިއީ، އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށް ކަަމަށް އެ ކޯޕޮރޭޝަނުން ފާހަގަކުރެއެވެ.