
އިދިކޮޅުގެ އެމްޑީޕީގެ ފަރާތުން މަޖިލިހަށް ކުއްލި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ.
އެހެންނަމަވެސް މި މައްސަލަ ބަލައި ނުގަންނަން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސްް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ހަމަނުވާތީ ކަމަށް ވިދާޅުވެފައެވެ.
"އިއްޒަތްތެރި މެންބަރު ފޮނުއްވި ކުއްލި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުޟޫއަކަށް އޮތް މައްސަލައަކަށް ވާތީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅެން ނެތް ވާހަކަ ދަންނަވަން،" ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
މީކާއިލް ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ ގުޅޭ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުގައި ބަލަމުންދާ ދަނޑިވަޅެއްގައި، އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ކުރެވޭ މަސައްކަތަކީ، ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެވޭ އަމަލެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރަން މަޖިލިހަށް ސަރުކާރުގެ ފަރާތުން ބިލް ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. އަމިއްލަ ބިލެއްގެ ގޮތުގައި ހުށައެޅުއްވި މި ބިލުގައިވަނީ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރަން އެ މަސައްކަތް ކުރަންޖެހޭ މުއްދަތުތަކެއްވެސް ކަނޑައަޅާފައެވެ.
ސައްތާރު މަޖިލިހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
މީގެއިތުރުން ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ސައްތާރު ހުށައެޅި ބިލުގައިވެއެވެ.