
މި އޮޕަރޭޝަނަކީ ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މާލެ އާއި އަތޮޅުތަކުގައި ކުރިއަށްދާ މި އޮޕަރޭޝަންގައި ކާބޯތަކެތި ބަހައްޓާފައި ހުންނަ ގޮތާއި، ގުދަންކުރާ ގޮތް އަދި ވިއްކާ ގޮތް ބަލައި ޗެކްކުރެވޭނެއެވެ. މީގެ ތެރޭގައި ޕެސްޓް ކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ފިނިހޫނުމިން ބަލަހައްޓަންޖެހޭ ތަކެތި އެގޮތަށް ބަހައްޓާފައި ހުރިތޯ ބެލުން ހިމެނެއެވެ.
އެމްއެފްޑީއޭއިން ބުނީ މި އޮޕަރޭޝަންގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާ އެއްގޮތަށް ކަންކަން ކުރިއަށްދޭތޯ ބެލުން ކަމަށެވެ. އަދި މުއްދަތު ހަމަވެފައިވާ ތަކެތި ވިއްކަމުންދޭތޯވެސް ބަލާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށިފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް 23 ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް، ވަކި އުސޫލުތަކެއްގެ ދަށުން ހިދުމަތް ދޭންޖެހެއެވެ.