
ރައީސް މިކަން އިއުލާންކުރެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަނޑިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދ. ބަނޑިދޫގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުރަމުންދާ ފައިބަރު މަސައްކަތް ފަދަ، ބައެއް ކަންކަން ބަދަލުކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ ގޮތުން ފަޅުން ބައެއް ހިއްކަން ނިންމާފައިވާކަމަށެވެ. އަދި އެކަމަށް ރަށުގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުއަހަރުގެ ބަޖެޓްގައި އެ މަސައްކަތް ހިމަނާފައި ނެތްނަމަވެސް އަންނަ އަހަރު އެކަން ނިންމަވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
ބިން ހިއްކުމުގެ މަސައްކަތާއި އެކު އެ ރަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ބޭރު ތޮށި ބަދަލުކޮށްދިނުމަށް ރައްޔިތުން އެދިފައިވާކަން ފާހަގަކުރައްވަމުން ރައީސް މުިއއްޒު ވިދާޅުވީ މަސްވެރިންނާއި ކުދި ދޯނި ބޭނުންކުރާ ފަރާތްތަކަށް އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ބޭރު ތޮށި ބަދަލުކުރުމުން ބަނދަރުގެ ޖާގަ އިތުރުވާނެތީ އެކަން ވެސް ކޮށްދެއްވާނެކަމަށެވެ.