ads
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:-- ފޮޓޯ/ މަޖިލިސް
ފަނޑިޔާރުން ވަކިކުރާ ބިލަށް ޕީއެންސީގެ ޕީޖީ ތެރޭގައި ތަރުހީބު ކުޑަ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރާތީ އެކަމާއި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ މެންބަރުންގެ މެދުގައި ހިޔާލު ދެކަފިވެ، އެ ބިލާ ގިނަ މެންބަރުން ދެކޮޅު ހެދިކަން އެނގިއްޖެ އެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ބިލްގައި ހުށަަހަޅާފައިވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކޮށްލުމަށެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން މިއަދު ވަނީ އެ ބިލާ ގުޅޭ ގޮތުން ޕީޖީ ބައްދަލުވުމެއް ބާއްވަވާ މަޝްވަރާކޮށްފަ އެވެ.

މި މަޝްވަރާތަކުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް ގިނަ މެންބަރު މިއަދު ބައިވެރިވެ ލެއްވިއިރު ބައެއް މެންބަރުން ވަނީ ފާޅުގައި ބިލާ ދެކޮޅު ހައްދަވާފަ ކަމަށް އެ ބައްދަލުވުމަށް ހާޒިރުވި ޕީއެންސީގެ މެންބަރަކު "ސީއެންއެމް" އަށް ވިދާޅުވި އެވެ.

ގިނަ މެންބަރުން ބިލާ ދެކޮޅު ހެއްދެވި އެއް ސަބަބަކީ އެކަށީގެންވާ މަޝްވަރާއެއް ނެތި މިފަދަ ބިލެއް ކުއްލިއަކަށް މަޖީލީހަށް ހުށައެޅުމެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ކިޔައިދެއްވި ގޮތުގައި ފަނޑިޔާރުން ވަކިކުރާ ބިލާ އެއްކޮޅަށް ބޮޑަށް ވާހަކަދެއްކީ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހާއި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއެވެ. 

އެ ބިލާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހިމެނެ އެވެ.

ނަމަވެސް މި ބޭފުޅުން ވެސް ވަނީ ރައީސް މުއިއްޒު އެދި ލައްވާނަމަ ވޯޓު ދެއްވާނެ ކަމަށާއި ނަމަވެސް މިއީ މިފަދަ ބިލަކަށް ބަހުސްކޮށް މަޖިލީހުން ބަސް ބުނަން އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ވިދާޅުވެފައި ކަމަށް ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެ މެންބަރަކު ވިދާޅުވި އެވެ.  

އަދި މިފަހުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ވިސްނުން ސަރުކާރުގެ ރެޖިސްލޭޓިވް އެޖެންޓާގައި ވެސް ނެތް ކަމަށް ވިދާޅުވެ ބަންޑާރަ ނައިބު އުޝާމް ދެއްކިވި ވާހަކަ އަށް ވެސް ބައްލަވާ ބަންޑާރަ ނައިބުގެ ފަހު ބަހެއް ވެސް ހޯދުން މުހިންމު ކަން ބައެއް މެންބަރުން ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

  • ޕީޖީގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

  • ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު

  • ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން

އަބްދުއްސައްތާރު ހުށަހެޅި ބިލުގައި ބުނެފައި ވަނީ އެ ބިލުގެ ބޭނުމަށް ކޯޓުން މަދު ކުރާ ދެ ފަނޑިޔާރުން "ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ގާބިލް ނޫން ކަމަށް" ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.

ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ހުށަހެޅިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކޮށްފައިވާ މެންބަރު ވަނީ އިއްޔެ ބަދަލުކޮށްފަ އެވެ. އެ މަގާމުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު ވަކިކޮށް އެ މަގާމަށް އައްޔަން ކުރީ ޔަޒްމީދު މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް