
ޒަކިއްޔާގެ މަރުގެ މައްސަލާގައި އެ ރަށުގައި އޮތް ކަންބޮޑުވުންތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިން ވަނީ ހޮޅުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން ހޮޅުދޫއަށް ދެވުން ލަސްވެއްޖެ ކަމަށާއި އެކަމަށްޓަކައި ހޮޅުދޫގެ އެންމެހައި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ. މިކަންކަން މިއަށްވުރެ ރަނގަޅަށް މިއަށްވުރެ ފުރިހަމައަށް ކުރެވެން ވާނެކަން ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި އޮޓޮޕްސީ ނަހަދައި ޒަކިއްޔާ ވަޅުލާން ނިންމުމުން އެރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލު އުފައްދާފަ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޒަކިއްޔާގެ އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ މިނިސްޓަރު އިހުސާން ވިދާޅުވި، ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރި ކަމަަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި އެކަންކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ބަލަމުން ގެންދާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރަށް ފަހު، އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާތީ ނަފްސާނީ ބިރުވެރިކަމެއް ރަށު ތެރޭގައި އެބަ އޮތް ކަމަށް އެ ބައްދަލުވުމުގައި ބައެއް މީހުން ބުންޏެވެ. އެހެންވެ، އިހުސާން ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، ނަފްސާނީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރަށުގެ ރައްޔިތުން އެއްތަނަކަށް ޖަވާމެ ޝަކުވާތަކާއި ސުވާލުތައް ކުރިމަތިކުރި ބައްދަލުވުމަށް ފަހު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުން ގަބޫލުކުރާތީ، އެ މައްސަލަ ބައްލަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ އެ މައްސަލަ އިތުރަށް ދިގުލައިގެން ދާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
ޒަކިއްޔާގެ މަރު މައްސަލާގައި ފުލުހުން ކުރި ތަހުގީގަށް ފަހު ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަހަމްތަކެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ.
ހޮޅުދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
ފުލުހުން ދާދިފަހުން ވަނީ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ތެރެއިން ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައިއާ ހިއްސާކޮށް އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ބުނެފަ އެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ މީހަކު މަރާލީކަން އަދި ކަށަވަރު ނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލާގައި މާދަމާ ޒަކިއްޔާގެ އާއިލާ އާއި ކައުންސިލާ ބައްދަލުކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އާއިލާގެ ރުހުމާ އެކު ޒަކިއްޔާގެ މަރާ ގުޅޭ އިތުރު ތަފްސީލުތައް ވެސް އާންމުންނަށް ހިއްސާކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާތީ ރަށުގައި ދަނީ އިހުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިރޭ ބައްދަލުވުމުގައި ވެސް ރަށުން ވާހަކަ ދެއްކި މީހުން ވަނީ އޭނާ އަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ނޫން ކަމަށާއި އަމިއްލައަށް އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އަދި ޒަކިއްޔާގެ ހަށިގަނޑުގައި ހުރި ނިޝާންތަކުން، އޭނާ އަމިއްލައަށް އެވަރު ނުކުރެވޭނެ ކަމަށް އެމީހުން ދެކެ އެވެ.