
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކުރީ މިއަދު ހަވީރު އެވެ.
އެ ބިލާމެދު ފިލްޒާގެ ކަންބޮޑުވުންތަކެއް ހިއްސާކުރެއްވީ ކޮމިޓީން ބިލު ފާސްކުރި ފަހުންނެވެ. އެކަމާ ގުޅިގެން ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މަޖިލީހުގައި މިހާރު ކުރިއަށް އެބަދެ އެވެ.
ނަމަވެސް، ކޮމިޓީން ބިލް ފާސްކުރި ފަހުން ފިލްޒާ ވަނީ އެ ބިލާ ގުޅޭ ގޮތުން ބައެއް ލަފާ އަރުވައިފަ އެވެ. ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްގެންކަން ފިލްޒާ ފާހަގަކުރެއްވި އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ، މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޖެހިއްޖެ ހާލަތެއްގައި ފަނޑިޔާރެއްގެ ގާބިލުކަމާމެދު ޖޭއެސްސީން ސުވާލު އުފައްދާފައި ނުވާ ފަނޑިޔާރުން ގާބިލުނޫން ކަމަށް ކަނޑައަޅަން ޖެހޭ ހާލަތެއް އުފެދޭނެ ކަމަށެވެ.
އެ ފަނޑިޔާރަށް ދިފާއުގައި ޖަވާބުދާރީ ވާނެ ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިފަދައިން ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ ފިލްޒަ ވަނީ ސުވާލު އުފައްދާފަ އެވެ.
މީގެ އިތުރުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތްތަކެއް ދޭ ކަމަށާއި ފަނޑިޔާރުކަމުގެ ޤާބިލުކަން ނެތްކަމަށް ޖޭއެސްސީން ކަނޑައަޅައިގެން ވަކިކުރާ ފަނޑިޔާރުންނަށް މިފަދަ އިނާޔަތެއް ދިނުމަކީ ދެކޮޅުޖެހޭ އުސޫލެއް ކަމަކަށް ނުފެންނަ ކަމަށް ވެސް ފިލްޒާގެ ލަފާގައި ވެއެވެ.
ކައުންސެލް ޖެނެރަލްގެ މި ލަފާއާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވައިފަ އެވެ. ނަމަވެސް، އެ ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ފެނިވަޑައިގަތީ އެހެން ލަފާ ދެއްވިޔަސް ބިލް އޮތް ގޮތަށް މަޖިލީހަށް ފޮނުވާށެވެ. އެހެންވެ، ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ހުއްޓަސް، ބިލަށް އެއްވެސް ބަދަލެއް ނުގެންނަން ކޮމިޓީން މިރޭ ފާސްކުރި އެވެ.
އެ ވޯޓުގައި ކޮމިޓީގައި ތިއްބަވާ އެމްޑީޕީ ދެ މެންބަރުން ވޯޓު ދެއްވީ ބިލް ފާސްނުކުރާށެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ކޮމިޓީގެ މުގައްރިރު އަނާރާ ނައީމް ވޯޓު ދެއްވި އެވެ.
ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައިވާ އަނާރާ އެ ބިލު ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، މިއަދު އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.