
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސެއިން ވިދާޅުވީ، މިއަދާ ހަމައަށް ވެސް އޭސީސީން ފަނޑިޔާރެއްގެ މައްސަލައެއް ބަލަމުންދާކަން އެނގިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުއްލިއަކަށް މައްސަލައެއް އޮތް ކަމަށް ބުނެ ފަނޑިޔާރުން ސަސްޕެންޑް ކުރުމުން އެނގެނީ މިއީ ނެތް މައްސަލައެއް އުފެއްދުން ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ މިހާރުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެ މެޖޯރިޓީ ބޭނުންކޮށްގެން ހިތުހުރި ގޮތަކަށް ގާނޫނުތަކަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަމުންދާ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުން ވަކިކުރުމަށް އޭސީސީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ވެސް މައްސަލަތައް އުފައްދަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަލީ ހުސެއިން ވިދާޅުވީ މިއީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ. އޭނާ ބުނީ މިއަދު ކުއްލިއަކަށް އަވަސް އަރުވާލައިގެން މަޖިލީހުން ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ފާސްކޮށް، ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފާނެ ކަމުގެ ބިރަށް ކަމަށެވެ.