
އިބްރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުންކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލި ގާނޫނު އަސާސީގެ ބާރު ކެނގެންދާނެކަަމަށްވެސް އިބްރާ ވިދާޅުވިއެވެ.
ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ވަނީ މދިޔަ އަންގާދުވަހު ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައެވެ. މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ އެކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެެރޭގައެވެ.
ސުޕްރީމް ކޯޓުގެ ބްނެޗު ކުޑަކުރަން ނިންމީ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއްކަމަށް ދިވެހި ރާއްޖޭގެ ބާ ކައުންސިލާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން އަންނަނީ ބުނަމުންނެވެ. އަދި މަޖިލިހުން ފާސްކުރި ބިލް ތަސްދީގު ނުކުރުމަށް ރައީސް މުއިއްޒަށް ބާ ކައުންސިލުން ވަނީ ގޮވާލާފައެވެ.