
އެ އިއުލާނުގައި ބުނީ ބްރިޖު މަޝްރޫއުގެ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރު ކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފާމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކޮށްފައިވާ އެ އިއުލާނުގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އީއައިއޯ ހުށަހެޅޭނީ މި މަހުގެ 24 ވަނަ ދުވަހުގެ 1:00 ގެ ކުރިންނެވެ.
މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މިމަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން މާދަމާ އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.
އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި ސޮއިކުރީ ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަ އެވެ.
ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ ސާވޭ މަސައްކަތަށް މިދިޔަ އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ. ހަމައެއާއެކު މި މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ.
ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2018 ވަނަ އަހަރުގެ އިންތިހާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނު ތާއިދާއެކުގަ އެވެ.