ads
ރައްޔިތުންގެ މަޖިލިސް
ރަޝިޔާއަށް އަބްދުއްރަހީމް، މޮރޮކޯއަށް ސަރީރު: ދެ ސަފީރަކަށް މަޖިލީހުގެ ރުހުން
ރަޝިޔާއަށާއި މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ދެ ނަމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
Advertisement

ރަޝިޔާއަށް ކަނޑައަޅާ ސަފީރުކަމަށް ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފަށް 65 މެންބަރުންގެ ތާއީދު ލިބުނުއިރު، މޮރޮކޯއަށް ކަނޑައަޅާ ސަފީރުކަމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައިވާ ސަފީރު އަހްމަދު ސަރީރަށް 64 މެންބަރުންގެ ރުހުން ލިބިފައިވެއެވެ.

ރައީސް މުއިއްޒު މި ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހުން އެ ނަންތައް ދިރާސާކުރުމަށް ހާރިޖީ ކޮމިޓީއަށް ފޮނުވާފައިވެއެވެ. އަބްދުއްރަހީމް އަބްދުއްލަތީފަކީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އުމުރުން 60 އަހަރު ވުމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމުން ރިޓަޔާކުރެއްވި އަބްދުއްރަހީމަކީ މިހާރު ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރެވެ.

އަހްމަދު ސަރީރަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އޭނާއަކީ ފޮރިން ސެކްރެޓަރީގެ މަގާމާއި، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުވެސް ކުރިން ފުރުއްވާފައިވެއެވެ. މިހާރު އޭނާ ހުންނެވީ ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ ގޮތުގައެވެ.

ރަޝިޔާއަށާއި މޮރޮކޯއަށް މި ދެ ސަފީރުން ކަނޑައެޅުމާއެކު، ދިވެހިރާއްޖެއިން ބޭރު ގައުމުތަކަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ އަދަދު އިތުރުވެގެންދާނެއެވެ. ނޮން-ރެޒިޑެންޓް ސަފީރުންނަކީ ކަނޑައަޅާ ގައުމުގައި ދިރިނޫޅޭގޮތަށް އެ ގައުމަކަށް ކަނޑައަޅާ ސަފީރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް