
ފުލުހުން މައުލޫމާތުދިން ގޮތުގައި އާދިއްތަ ދުވަހު ހެނދުނު 7:57 ހާއިރު ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "ހުވަން" ނަމަކަށް ކިޔާ ލޯންޗު އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބުނެވެ. މި ލޯންޗުގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބިއިރު، އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމުން ފުލުހުންގެ އެމަޖެންސީ ރެސްޕޮންސް ޓީމްތައް ވަގުތުން އެސަރަހައްދަށް ފޮނުވައި، ފެތިފައިވާ ލޯންޗުގައި ތިބި އެންމެން ރައްކާތެރިކަމާއެކު ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. ކަނޑުވި ލޯންޗުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާއިރު އެއްވެސް މީހެއްގެ ހާލު ބޮޑެތި ދަތިތަކެއް ދިމާވެފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީނާއި ފަރުހާދު ފިކުރީ ވެސް އެ ކޯލުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ސީޕީ ވަނީ ހާއްސަކޮށް ރޯދަ މަހުގެހެނދުނު ވަގުތެއްގައި މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އޮފިސަރުން ދެއްކި ނަމޫނާއަށް ތައުރީފުކުރައްވައި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ވެސް ވަނީ ފާހަގަކުރެވިފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ސަލާމަތްކުރެވުނު މީހުން ދިގުރަށަށް އަނބުރާ ގެންދިޔުމުގައި އެހީތެރިވުމާއި، ތަފާތު އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށް ރީޖަން ކޮމާންޑަރު ވަނީ އެމީހުންނަށް ޝުކުރު އަދާކޮށްފައިކަމަށް ވެސް ފުލުހުން ބުނެއެވެ.