36 ވަނަ ބައި (ޝަކުވާ)
ނިޒާރާއި ނަސީމާ ތިބީ ނިދަން އޮށޯވެއެވެ. ނިޒާރުގެ ނިދި ފިލީ އަނެއްފަރާތުގައި އޮތް ނަސީމާގެ ރުއިމުގެ އަޑު އިވިފައެވެ. ނަސީމާގެ ބުރަކަށީގައި ނިޒާރު ފިރުމައިލިއެވެ.
"ނަސީމާ، ތިވަރަށް ދެން ހިތާމަ ނުކުރޭ. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ކޮންމެ ވެސް ހިކުމަތެއް އޮންނާނެ. ހިތްވަރު ކުރަންވާނެ. އަޒްކާއަށް ވެސް ހިތްވަރު ދޭން ހުރި މީހަކީ ތިއީއެއްނު." ނިޒާރު ބުންޏެވެ.
"ހިތްވަރު ކުރަމޭ، އެކަމަކު އަޒްކާގެ ލޮލުން އޮހޮރޭ ކަރުނަ ފެނުމުން ހިތަށް ކުޅަދާނަ ނުވަނީ." ލޮލުން ކަރުނަ ފޮހެމުން ނަސީމާ ބުންޏެވެ.
"އަޒްކާގެ ނަސީބުގައި މިންވަރުކުރައްވާފައިވާ ގޮތް އެއީ. އޭގައި އަހަރެމެން ކީއްކުރާނީ؟ އޮތީ އެ ދަރިފުޅަށް ހިތްވަރުދީ ދުޢާކުރުން." ނަސީމާއަށް ވިސްނައިދެވޭތޯ ނިޒާރު މަސައްކަތް ކުރިއެވެ.
ނަސީމާ ތެދުވެ ފަޑީގައި ލެގިލިއެވެ.
"ނޫން ނިޒާރު. އެކަމުގައި ކުށްވެރިއަކީ އަހަރެން." މޮޅިވެރިކަމާ އެކު ނަސީމާ ބުންޏެވެ.
"ނަސީމާ، އެއީ އެއްވެސް މީހެއްގެ ކުށެއް ނޫނޭ. އަހަރެމެންނަށް ހައްޔާންގެ ގޮތް އެނގޭނީ ކިހިނެއް؟" ނިޒާރު ވެސް ތެދުވެ އިށީންނަމުން ބުންޏެވެ.
"ވަގުތު އޮއްވާ އަހަރެންނަށް ހައްޔާންގެ ގޮތް އެނގުނޭ. ނިޒާރު އަހަރެންނަށް މައާފުކުރޭ." ނަސީމާ ރޯންފެށިއެވެ.
ވާނުވާ ނޭނގިފައި ނިޒާރު އިނެވެ. ނަސީމާ ރޮމުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހުއްޓަހުއްޓާފައި ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން ނިޒާރުގެ ހިތް ވީދާ، ކުދިކުރަމުން ނަސީމާ ދިޔައެވެ. އެންމެ ފަހުން ކެތްނުވެގެން ނިޒާރު ހަޅޭއްލަވައިގަތެވެ.
"ހުއްޓާލާ، ހަމަމިހާރު ހުއްޓާލާ!"
އެނދުން ފައި ތިރިކޮށްލާފައި ނިޒާރު މޫނުގައި އަތް އެޅިއެވެ.
ނޭނގުމުގެ ތެރޭގައި ނަވްޔާއަށް އޭނާ މި ދިނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ނަވްޔާގެ ކަރުނައިން ފުރިފައިވި ދެ ލޯ އެ ވަގުތު ނިޒާރަށް ސިފަވިއެވެ. ކައިވެނި ކޮށް ނިމުމުން، ނިޒާރު ދާން ހިނގައިގަތް ވަގުތު ނަވްޔާގެ އާދޭހުން ފުރިގެންވީ ނަޒަރު ކިތަންމެ ރީއްޗަކަށް ވެސް ނިޒާރަށް ފެނުނެވެ. ހިތް ހަރުކޮށްލާފައި ނިޒާރު ނުކުމެގެން ދިޔައީއެވެ.
ހަކީމަކީ ދެ ކުދިންގެ ބައްޕައެއްގެ އިތުރުން ޑްރަގް ނަގާ މީހެއް ކަން ނިޒާރަށް ނޭނގި އޮތުމަކީ ކުށުން ނިޒާރު ބަރީއަ ވާނެ ކަމެއް ނޫނެވެ. ނަވްޔާގެ ކައިވެނި ކުރެވެން އުޅެނީ ކޮންކަހަލަ މީހަކާތޯ ބެލުމަކީ ނިޒާރުގެ ޒިންމާއެކެވެ. ނަސީމާގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެން ނިޒާރު ހުރީ ކީއްވެގެން ހެއްޔެވެ؟ ނަވްޔާދެކެ ވީ ލޯބި، ނަސީމާ ދެއްކި އެންމެ ވާހަކައަކުން ކަފުންކޮށް ވަޅުލީ ކީއްވެހެއްޔެވެ؟ ނިޒާރަށް ޓަކައި ނަވްޔާ މަރުވެއްޖެކަމަށް ނިންމާ، މި ވޭތުވެދިޔަ ތިން އަހަރު ވެސް ނަވްޔާގެ ހާލު ބަލައިލަން ވެސް ހިތަށް ނޭރީ ކީއްވެހެއްޔެވެ؟ ހަމައެކަނި ކުރިމަތި ވެދާނެ ބަދުނާމަކުން ސަލާމަތްވާން ވެގެން ހެއްޔެވެ؟ ލޯބިވާ ކޮއްކޮގެ އަމާނާތް ރައްކާތެރިކުރުމުގައި ވެސް ނިޒާރު ނުކުޅެދުނީއެވެ. އެ ނިޔަނެތި، މައުސޫމު ދަރިފުޅު ނީލަން ކިއީ ހިމާޔަތް ދޭން ހުރި ބޮޑުބޭބެއެވެ. މަހުޝަރު ދުވަހުން ވެސް ނިހާޔާ އޭނައަށް މައާފު ކުރާނެކަމެއް ނޭނގެއެވެ.
"ނިޒާރު އަހަރެންނަށް މަޢާފު..."
ނަސީމާ ރޮމުން ނިޒާރުގެ ކޮނޑުގައި އަތް ޖައްސައިލުމުން ކުއްލިއަކަށް ނިޒާރު ތެދުވިއެވެ. އޭރު ނިޒާރުގެ ދެ ލޯ ރަތްވެ، ކަރުނަ ހިލިއްޖެއެވެ.
"ނަސީމާ އަހަރެން ދިރިހުއްޓާ ވަޅުލީތި."
"ކީއްވެ؟ ނަސީމާ ކީއްވެ؟" ރޮމުން ނިޒާރު އެހިއެވެ.
ސިޓިންގްރޫމްގައި ނިދަން އޮތް އިމާޒަށް ހޭލެވުނީ ނިޒާރުމެންގެ ކޮޓަރިން އަޑުފަށްގަނޑެއް އިވިގެންނެވެ. ވަގުތުން އިމާޒުގެ ނިދި ފިލިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ނިޒާރުގެ ކޮޓަރީގައި ޓަކި ޖަހަން އަތް ދިއްކޮށްލި ވަގުތު ދޮރުހުޅުވާފައި ނުކުތް ނިޒާރު ފެނުމުން އިމާޒަށް ޖެހެވުނީ ފަހަތަށެވެ. ދާހިއްލާ ފޯވެފައި ނިޒާރު ހުރި އިރު ލޮލުގައިވީ ރަތްކަމެވެ. ނިޒާރު ދިޔަ ގޮތަށް ގޮސް ސިޓިންގްރޫމް ސޯފާއަށް ވެއްޓިގަތެވެ. ކޮޓަރީގެ އެތައް މިތަނަށް އެއްޗެހިތައް އުކާފައި ހުއްޓެވެ. ނަސީމާ އެނދުގައި އިނދެގެން ގިސްލަގިސްލާފައި ރޮނީއެވެ. ދެ ފިކުރުމަތީގައި ހުރެފައި އިމާޒު ކޮޓަރިއަށް ވަނެވެ.
"މަންމާ ކިހިނެއްވީ؟" އިމާޒުގެ އަޑުގައި އިންތިހާއަށް ކަންބޮޑުވުން ވިއެވެ.
"މަންމައަށް ދަރިފުޅު ވެސް މައާފުކުރޭ. ނަވްޔާ، ނަވްޔާ ކޮބާ؟ ނަވްޔާ ގެނެސްދީ." ނަސީމާ ރޮމުން ކިޔަމުން ދިޔައެވެ.
ނަސީމާ އިމާޒަށް ވެސް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭރު އަޒްކާ ހުރީ ދޮރުމަތީގައެވެ. ހައްޔާންގެ ފަރާތުން ދެން އިތުރު ހިތާމައެއް ނުލިބޭނެއޭ ހިތަށްއަރާފައި ހުއްޓާ ހައްޔާންގެ މުޑުދާރު ސިއްރުން އެ ހިތް އިތުރަށް ފޮތިފޮތިވެ ޒަހަމްވެއްޖެއެވެ. ނަވްޔާގެ ހަމަހިމޭންކަމުގެ އަސްލަކީ އޭނާއަށް ވެދާނެކަމަށް ދުވަހަކު ވެސް އަޒްކާ ހިތަކަށް ނާރައެވެ.
"ނަވް ކީއްވެ؟ އަހަރެންނަށް ޓަކައި؟" އަޒްކާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.
"ތި އިހުސާންތެރިކަމުގެ ބުރަ އަހަރެން އުފުލާނީ ކިހިނެއް؟" އަޒްކާ ހުރިތަނަށް ތިރިވިއެވެ.
ގޮތް ހުސްވެފައި އިމާޒު ހުއްޓެވެ. އަމިއްލަ ހިތް ރޮމުން ދިޔައިރު އެހީތެރިވެދޭން ފުރަތަމަ ދާންވީ ކާކުގެ ކައިރިއަށް ކަމެއް ނޭނގިފައެވެ.
ވީ އެންމެ އަވަހަކަށް ދަތުރު ހަދައިގެން އިމާޒާއި ނިޒާރު، ހަކީމުގެ ރަށަށް ދިޔައެވެ. ނަވްޔާގެ ހާލު އެނގި، ނަވްޔާގެ ކިބައިން މައާފަށް އެދެން ނިޒާރު ބޭނުންވިއެވެ. ނިޒާރު ކުރީ މައާފު ލިބޭވަރުގެ ކުށެއް ކަމަށް ގަބޫލު ނުކުރެވުނަސް ނިޒާރަށް ކިރިޔާ ވެސް ހިތްހަމަ ޖެހުމެއް ދެން ލިބޭނީ ނަވްޔާގެ ހާލު އެނގި، މަޢާފަށް އެދެވުމުންނެވެ. ތިން އަހަރު ފަހުން ނަވްޔާ ފެންނާނެތީ އިމާޒުގެ ހިތް އަވަސް ވެފައިވިއެވެ. އެ ސޫރަ ދެކިލާ ހިތުން ކެތްމަދުވިއެވެ. ނަމަވެސް އެ ރަށަށް ގޮސްފައި އެނބުރި އަންނަން ޖެހުނީ މާޔޫސްކަމާ އެކުގައެވެ. ހަކީމު ވީ ޖަލުގައި ކަން އެނގުނު ނަމަވެސް ނަވްޔާ ވީ ތަން އެނގޭ އެކަކު ވެސް އެ ރަށަކު ނެތެވެ. ހަކީމު ހައްޔަރުކުރި ވަގުތާ ދިމާކޮށް މާލެއިން ބަޔަކު އައިސް ނަވްޔާއާއި ހަކީމުގެ ދެ ކުދިން ގެންދިޔައީ ކަމުގައި ވެއެވެ. އެއީ ކޮން ބައެއް ކަމެއް ރަށު މީހުންނަކަށް ނޭނގެއެވެ. ކޮންމެ ވެސް އާމިރެކޭ ބުންޏެވެ. މާލެ އައިސްފައި ހަކީމާ ބައްދަލު ކުރަން ވެސް އިމާޒުމެން ދިޔައެވެ. ހަކީމަށް އެނގޭކަމަކަށް ނުހެދިއެވެ. ނަމަވެސް ނަވްޔާ ވަރިކުރި ވާހަކަ ބުނުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަވްޔާ ހޯދަން ކުރި މަސައްކަތަށް އަލިކަމެއް ނުލިބުނު ނަމަވެސް އިމާޒު އުންމީދު ކަނޑައެއް ނުލައެވެ.
*****************
ހެނދުނުގެ އެންމެ ކާރޫބާރޫ ވަގުތު މަގުތައް އިތުރަށް ތޮއްޖެހެމުން ދިޔައީ ވެހެމުންދިޔަ ތުނި ވާރެއިންނެވެ. އޮފީހުގެ ދޮރުމައްޗަށް ކާރު ހުއްޓައިލުމުން ޑްރައިވަރަށް ޝުކުރުއަދާކޮށްފައި ނަވްޔާ ފޭބިއެވެ. ވާރެއިން ސަލާމަތް ވާންވެގެން ނަވްޔާ އެތެރެއަށް ވަންނަން ދިޔައީ ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށެވެ. މޫނުމަތީގައި ހަރުލި ފެންތިކިތައް ފޮހެމުން ލިފްޓާދިމާއަށް ދިޔައިރު ދެކޮޅު ހޯދާ ބަލައިލެވުނީ ބޭ އިޚްތިޔާރުގައެވެ. އަނެއްކާ މިއަދު ވެސް އިމާޒު ފެނިދާނެޔޭ ހީވަނީއެވެ. އަމިއްލަ މޮޔަކަމުގެ މައްޗަށް އެ ވަގުތު ނަވްޔާއަށް ހިނިތުންވެލެވުނެވެ.
ފަހުދުގެ ކެބިންގައި ޓަކިޖަހައިލުމަށް ފަހު ހުއްދަ ލިބުމުން ނަވްޔާ ވަނެވެ. އިއްޔެ ފަހުން އޮފީހަށް ނައިސް ގޭގައި މަޑުކުރީތީ މިއަދު ލައްކަ މަސައްކަތް ހުންނާނެއޭ ހިތަށް އަރަމުންނެވެ. ނަމަވެސް އެތެރެއަށް ވަދެފައި މަޑުކޮށްލެވުނީ ފަހުދުގެ ކުރިމަތީގައި މީހަކު އިންތަން ފެނުމުންނެވެ.
"އާދޭ، އާދޭ." ފަހުދު ބުންޏެވެ.
ނަވްޔާ ހިނިތުންވެލާފައި ކުރިއަށް ޖެހުނު ވަގުތު އެ މީހާ ވެސް އެއްފަރާތަކަށް ބަލައިލިއެވެ. ދެ މީހުންގެ ނަޒަރު ބައްދަލު ވި ވަގުތު ދެ މީހުންގެ މޫނުމައްޗަށް ވެސް ވެރިވީ ހައިރާންކަމެވެ.
"އިމާޒު މިތާ؟" ހިތާހިތުން ނަވްޔާ ކިޔައިލިއެވެ.
ގަބޫލު ނުކުރެވިފައި ހުރެ ނަވްޔާ އެސްފިޔަ ޖަހައިލިއެވެ. ނަވްޔާ ފެނުމުން ލިބުނު ހައިރާންކަން ފޮރުވައިލަމުން އިމާޒު ތެދުވެފައި ހިނިތުންވެލިއެވެ. އެ ވަގުތު ނަވްޔާގެ ހިތުގެ ހިނގުން ބާރުވިއެވެ. ގަދަ އަޅިކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނުގައި އިމާޒު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ.
"ނަވްޔާ މިއީ އިމާޒު، އަހަރެމެންނާ އަލަށް ގުޅުނު ޕްރޮޖެކްޓް މެނޭޖަރ. އިމާޒު މިއީ ނަވްޔާ، އިމާޒު މަސައްކަތް ކުރާނީ ނަވްޔާގެ ދަށުން. އިއްޔެ ނަވްޔާ ފަހުން ނާންނާތީ އިމާޒާ ދިމާނުވީ."
އިރުކޮޅަކު ގަނޑުވެފައި ނަވްޔާ ހުއްޓެވެ. ނަމަވެސް ދާދި އަވަހަށް ހަމަޖެހިލުމަށް މަސައްކަތް ކުރަމުން އިމާޒާ ސަލާމްކޮށްލާފައި މަރުހަބާ ކިޔެވެ. ނަވްޔާގެ ފިނިފިނި އަތްތިލައިގައި ހިފާފައި އިމާޒު ބާރުކޮށްލިއެވެ. އެ ދެ ލޮލުން ފާޅުވި ވިދުވަރުން މާޒީގެ ދުވަސްތައް ނަވްޔާގެ ކުރިމަތީގައި ހަނާ އަޅައިލިއެވެ. ކުއްލިއަކަށް ނަވްޔާ އަތް ދަމައިގަތެވެ.
ފަހުދުގެ ކެބިންއިން ނުކުމެފައި ޝުކުރުގެ ހަމްދެއް އިމާޒު އެޅިއެވެ. މިވީ ގޮތުން ނަވްޔާއާ ކޮންމެ ދުވަހަކު ވެސް ދިމާވާނެއެވެ. ރަނގަޅު ވަޒީފާއަކާ އެކު މި ލިބުނީ ހީ ވެސް ނުކުރާ ކަހަލަ އުފާވެރިކަމެކެވެ. ހިނިތުންވެފައި ހުރެ އަމިއްލަ ކެބިންއަށް އިމާޒު ދިޔައެވެ. މަސައްކަތް ހަވާލުކުރަން ނަވްޔާ ގުޅާނެ ކަމުގެ އިންތިޒާރުގައި އިމާޒު އިނެވެ. ގިނަ އިރު ވާން ފެށުމުން އިމާޒާ ކުރިމަތިލާން ނަވްޔާ ފަސްޖެހެނީކަން އިމާޒު ދެނެގަތެވެ. ހަކީމާ އެކު ހޭދަކުރި ދުވަސްތަކުގައި ނަވްޔާ ތަހައްމުލު ކުރީ ކިހާ އަނިޔާއަކާއި ހިތްދަތިކަމެއް ކަން އަންދާޒާ ކޮށްލަން ވެސް އިމާޒަކަށް ނޭނގެއެވެ. އެ ވާހަކަތައް އޮޅުން ފިލުވައި، ނަވްޔާގެ ހިތުގައި ލީ ޒަަހަމްތަކަށް ފަރުވާ ހޯދައިދޭން ކިތަންމެ ބޭނުން ވިޔަސް އިމާޒު ޖެހޭނީ މަޑުކުރާށެވެ. އެ ދެމެދުގައި ވާ ފާރު ނައްތައިލަން މަސައްކަތް ކުރަން ވާނީ ވިސްނުންތެރިކަމާ އެކުގައެވެ. ވަގުތު ބޭކާރު ނުކުރަން ވެގެން މިހާރު ކުރިއަށް ދާ ޕްރޮޖެކްޓްތަކުގެ ފައިލްތައް ގެނުވައިގެން އިމާޒު ބަލަން ފެށިއެވެ.
***********
ފޯނުގެ އަތްގަނޑަށް ބަލަހައްޓައިގެން ނަވްޔާ އިނީ ގޮނޑި އަނބުރާލަ އަނބުރާލައެވެ. މިހާރު ކުރިއަށް ދާ ޕްރޮޖެކްޓްތަކާއި ކުރިއަށް ރާވައިފައި ހުރި ޕްރޮޖެކްޓްތަކުގެ ބްރީފިންގްއެއް އިމާޒަށް ދޭން ޖެހޭނެކަން ނަވްޔާއަށް އެނގެއެވެ. އިމާޒަށް މަސައްކަތް ކުރަން ފެށޭނީ އޭރުންނެވެ. އެކަމަކު ވެސް އިމާޒަށް ގުޅަން ނަވްޔާ ފަސްޖެހެނީއެވެ. މާޒީގެ ދުވަސްތައް ނިއުޅުވާކަށް ނަވްޔާ ބޭނުމެއް ނޫނެވެ. އެކަމަކު ކޮންމެ ދުވަހަކު އިމާޒު ފެންނަން ވެއްޖިއްޔާ އެހެން ނުވެ ނުދާނެތީ ނަވްޔާ ޖެހިލުންވެއެވެ. އިމާޒު އެ ވާހަކަތައް ދައްކަން އުޅެފާނެތީ ކަންބޮޑުވެއެވެ. މާދަމާ އައިސްފައި އިމާޒު ކަމުނުދާ ވާހަކަ ފަހުދު ކައިރީގައި ބުނަންވީއެވެ. އޭރުން އޮފީހުން ކަނޑާލައިފާނެއެއް ނޫން ހެއްޔެވެ؟ އެކަމަކު އެހެން ހަދަން ނަވްޔާއަށް ކެރޭނެ ހެއްޔެވެ؟ ޕްރޮޖެކްޓް މެނޭޖަރުގެ ވަޒީފާގެ އިންޓަވިއު އޮތް ދުވަހު އިންޓަވިއު ޕެނަލްގައި ބައިވެރިނުވެވުނީތީ ނަވްޔާ ދެރަވިއެވެ.
ނަވްޔާ ފުން ނޭވާއެއް ލިއެވެ. ފޯނަށް އަތް ދިއްކޮށްލި ވަގުތު ދޮރުގައި ޓަކި ޖަހާލައިފައި ވަނީ އިމާޒެވެ. އިމާޒުގެ އަތުގައި ފައިލެއް އޮތެވެ.
"ވަންނާނީ ހުއްދަ ލިބުނީމަ." ނަވްޔާ ލޯ އަޅައިލިއެވެ.
"ސޮރީ މޭމް." ހިނިތުންވެލާފައި އިމާޒު ބުންޏެވެ.
އިމާޒު ނުކުންނަން ދާން އުޅެން ފެށުމުން ނަވްޔާ އިމާޒު ހުއްޓުވިއެވެ. އިށީނުމަށް ބުނެފައި ނުހަނު ރަސްމީކޮށް މަސައްކަތުގެ ވާހަކަ ދައްކަން ފެށިއެވެ. މޫނުމައްޗަށް ވެރިވި ހިނިތުންވުން ފޮރުވަމުން ނަވްޔާ ވާހަކަދައްކާ ނިމެންދެން ކަނުލާ އަޑުއަހަން އިމާޒު އިނެވެ. ޕުރޮޖެކްޓތަކާ ބެހޭ ގޮތުން އިމާޒު ކުރި ސުވާލުތަކުން ނަވްޔާ އިނީ ހިތްހަމަޖެހިފައެވެ. އިމާޒުގެ ވިސްނުން ހުރި ގޮތް ކަމުދިޔައެވެ. އިމާޒާ އެކު މަސައްކަތް ކުރަން އުނދަގުލެއް ނުވާނެއޭ ހިތަށްއެރިއެވެ. ޒާތީ އެއްވެސް ވާހަކައެއް އިމާޒު ނުދައްކާތީއެވެ. ސުވާލުތަކަށް ޖަވާބު ދީފައި މަސައްކަތް ފެށުމަށް ނަވްޔާ ބުންޏެވެ. ނުކުންނަން އިމާޒު ހިނގައިގަތީ ނަވްޔާއަށް ޝުކުރު އަދާކޮށްފައެވެ. ވަކި ހިސާބަކަށް ގޮސްފައި އިމާޒު ހުއްޓުމުން ނަވްޔާ ބަލައިލިއެވެ.
"ބުރުގާ އެޅީމާ ނައްޔަ ވަރަށް ރީތި." ހީނލާފައި އެއްލޯ މަރައިލަމުން އިމާޒު ބުންޏެވެ.
ބޭއިޚްތިޔާރުގައި އަޅައިގެން ހުރި ގަދަ ނޫކުލައިގެ ޝޯލް ނަވްޔާއަށް ރަނގަޅުކޮށްލެވުނެވެ. ނަވްޔާގެ މޫނަށް ފިޔާތޮށިކުލަ ވެރިވިއެވެ. ރައްދުދޭން އަނގަ ހުޅުވާލަން އުޅެނިކޮށް އިމާޒު އަވަސްއަވަހަށް ނުކުމެގެން ހިނގައްޖެއެވެ. ނަވްޔާއާ އިމާޒު މުޚާތަބުކުރި ނަން ފާހަގަ ކުރެވުނީ ދެނެވެ.
(ނުނިމޭ)