
ދީދީ މިހެން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަށް މަޖިލީހުގައި ބަހުސްކުރަމުންނެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ ބޭނުމަކީ ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ޖަނަވާރުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ޒުވާނުން ވަރަށް ގިނަ އަދަދެއްގެ ދޫނިސޫފާސޫފި އަދި ބައެއް ބާވަތްތަކުގެ ޖަނަވާރު ގެނެސްގެން މާލެއާއި ރާއްޖެތެރޭގައި ގެންގުޅެއެވެ. އެހެންނަމަވެސް، ހަމައެއް ލަމައެއް ނެތި، އުސޫލުތަކެއް ނެތި، ޤާނޫނެއް ނެތި މިކަން ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ފާހަގަކުރެއްވީ މި ބިލާ ގުޅޭގޮތުން ފުންކޮށް ދިރާސާކުރަންޖެހޭކަމަށާއި، ދިރާސާކުރުމުގެ މަރުހަލާގައި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާ ހޯދަންޖެހޭކަމަށެވެ. ބިލު މަޖިލީހަށް ވަނީ ބަލައިގަނެ، ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ.