
މިއަދުގެ ޒިޔާރަތުގައި ރައީސް މުއިއްޒު ވަނީ ރަސްފަންނުގެ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދަވާފައެވެ.
ސަރުކާރުން ރަސްފަންނު އިއާދަކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ 14 ގައި ރައީސް މުއިއްޒު އެތަނަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ. އޭރު ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިވަޑައިގެން ހިތާމަކުރައްވާ ކަމަށެވެ. އެއީ މާލޭގެ ތޮއްޖެހުމުގެ ތެރޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިދޭ ދެތަންކަމަށްވާތީ، އެ ދެތަނުގެ ރީތިކަމާއި އާރޯކަން ގެނެސްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެކަން އޭނާ އޭރު ބުނީއެވެ.
މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަސްފަންނުގެ މޫދުން ކިސަޑު ނަގައި، ގިރާ ސަރަހައްދުތަކަށް ދޮންވެލި އަޅައި އެއްވަރުކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެއިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ރަނގަޅުކޮށްފައިވާ ކަމަށްވެސް ފާހަގަކުރެވެއެވެ. މިއަދުން ފެށިގެން ރަސްފަންނު ވަގުތީގޮތުން އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
ދެން ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރޯދަ މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ މީހުންނަށް ފާހާނާ ބަރިއެއް ގާއިމުކުރުމާއި، މަސްބޭނުމަށް ބޭނުންކުރާ ޕްލެޓްފޯމް އާބާތުރަފިލުވައި އަލުން ތަރައްގީކުރުން ހިމެނެއެވެ. މީގެއިތުރުން ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ހައްލުތަކެއް ގެނައުމަށް އަލުން ތަރައްގީކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.