
ބޭނުންވާ ތަކެތި:
2 ޖޯޑް ފުލްކުރީމް މިލްކް
2 ސައިސަމުސާ ބަޓަރ
1 ބިސް
½ ޖޯޑް ކޮކޯ ޕައުޑަރ
3/1 ޖޯޑް ޑާކް ޗޮކްލެޓް ޗިޕްސް
2 ސައި ސަމުސާ ކޯން ފުލޯރ
½ ދަޅު ގެރިކިރު
1 ދަޅު ނެސްލޭ ކުރީމް
1 ޕެކެޓް މާރީ ބިސްކޯދު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ފުލްކުރީމް ކިރު ތަށްޓަކަށް އަޅާލާފަ އޭގެ ތެރެއަށް ބަޓަރު އަޅާލާފަ އޭގެތެރެއަށް ބިސް އަޅާލާ ½ ޖޯޑު ކޮކޯ ޕައުޑަރު އާ ޗޮކްލެޓް ޗިޕްސް ކޮޅުވެސް އަޅާލާ ގިރާލާށެވެ. އަދި އޭގެތެރެއަށް ކޯން ފުލަރ ކޮޅު ވެސް އަޅާލާ ބައި ދަޅު ގެރިކިރުވެސް އަޅާލާ ހުރިހާ އެއްޗެއް ތެއްޔަކަށް އަޅާލާ މަޑު ގިނީގައި ގަނޑު ނުހުންނާނެ ހެން ކައްކާލާށެވެ.
އަދި ދެ ތިން މިނެޓް ކައްކާލާފަ އޭގެތެރެއަށް އަށް ނެސްލޭ ކުރީމް ދަޅުވެސް އަޅާލާ އިތުރު 2 މިނެޓް ހާ އިރު ހުރިހާ އެއްޗެއް އެކީ މަޑުގިނީގައި ކައްކާލާށެވެ. އެއަށް ފަހު އުނދުން މަތިން ބާލާ ކުޑަކޮށް ހިހޫ ކޮށްލާށެވެ.
ދެން ވަކިން ތައްޓަކަށް ކިރުކޮޅެއް އަޅާލާ އެކިރުކޮޅުގައި މާރީ ބިސްކޯދުތަށް ފޯ ކޮށްލާފަ ޓްރޭއެއްގަ މާރީ ބިސްކޯދު ތަށް އަތުރާލާށެވެ. އަދި އޭގެ މައްޗަށް ދެންމެ މި ތައްޔާރު ކޮށްލި ޗޮކުލެޓް މިކްސްޗަރ ކޮޅު އަޅާލާށެވެ. އަނެއްކާވެސް އަނެއް ލޭޔާ ހަމަ މިބުނެލި ގޮތަށް ކިރުކޮޅަށް ލާ އަތުރާލާ އޭގެ މައްޗާށް ޗޮކްލެޓް މިކްސްޗަރ ކޮޅު އަޅާލާށެވެ. މިހާރު މިހުރީ ޗޮކްލެޓް މާރީ ބިސްކަޓް ޕުޑިން ހަދާ ނިމިފަ އެވެ.
ފުރިޖަށް ލާ ފިނިކޮށްލައިގެން ބޭނުން ކޮށްލަން މިއީ ރޯދަ ވީއްލާ ގަޑިއަށް ކަމުދާނެ ވަރަށް މީރު ޑޭސާޓް އެކެވެ.