ads
ދައުލަތުގެ ބަންޑާރަނައިބު، އަހުމަދު އުޝާމް
ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން އުޝާމް އިސްތިއުފާދެއްވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ކޮމިޓީން އެޓާނީ ޖެނަރަލް (އޭޖީ) އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވީ ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުރިން ޖޭއެސްސީ އަށް އައްޔަން ކުރި ރައީސްގެ މެންބަރު ޔަޒްމީދު މުހައްމަދު އަދި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފު އެވެ.

ނަމަވެސް އުޝާމް އެ ކޮމިޓީން އިއްޔެ އަމިއްލައަށް ވަކިވެވަޑައިގަތުމާއެކު، އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަނު ކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު އެވެ.

އެ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވިއިރު މިއަދު އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމު ކުރައްވައިފަ އެވެ.

އެ ހިސާބުތަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފުކޮށް އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. ސުއޫދު ވަނީ މިދިޔަ އަންގާރަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

ބަންޑާރަ ނައިބު އުޝާމާއި ސަރުކާރު އިސް ބޭފުޅުން ވެސް ތިއްބަވާ ކޮމިޝަނުން ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް، މަޖިލީހުގެ ގޮނޑި ގެއްލޭ އިޖުރާތަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފެށުމަށް ކުޑަ ތަން ވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގައި މިހާރު ސަސްޕެންޝަނުގައި ނެތް ފަނޑިޔާރުންގެ އަދަދަކީ ހަތަރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް