ads
ރެޑްވޭވް މެގާ މޯލް---ފޮޓޯ:ޝައްމާން ޝާކިރު
ޒަރޫރީ ބޭނުންތަކަށް ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމު ކޮށްފި
ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 09:00 އިން ދަންވަރު 12:00 އަށް
ޒަރޫރޫ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި، ފިހާރައާއި ކަސްޓަމަރުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު އިކޮނޮމިކް މިނިސްޓްރީ އިން އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ނެރިފައިވާ ބަޔާނުގައި ވާގޮތުން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސާވިސް ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް ކަސްޓަމަރުން ގޮސް، ހިދުމަތް ހޯދުމަށް، 22 އެޕްރިލް 2020 އިން ފެށިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 09:00 އިން ދަންވަރު 00:00 އާ ދެމެދުގަ އެވެ.  އަދި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދުކުރަންވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. 

ބަޔާނުގައި ވާގޮތުން ފިހާރައަކަށް ދިޔުމަށް ގެއިން ނުކުތުމުގެ ކުރިން އޮންލައިންކޮށް ތަކެތި ގަނެވޭނަމަ، އެގޮތް އިހްތިޔާރުކުރަން ޖެހެއެވެ. އަދި މުދާ ވިއްކާ ފިހާރައަކީ ދުރާލާ ގުޅައިގެން އޯޑަރުދެވޭ އިންތިޒާމް ހަމަޖެހިފައިވާ ފިހާރައެއްނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ފިހާރައަށް ދިޔުމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ. 

މީގެ އިތުރުން ފިހާރަތަކުން މުދާ ގަތުމަށް ހުއްދަ ލިބިފައި ވީނަމަވެސް، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމަށާއި ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ އަލާމާތް ހުރި ފަރާތްތަކުން ފިހާރަތަކަށް ނުދިއުމަށް އިކޮނޮމިކް މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ. 

އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ގެއިން ނުކުތުމުގެ ކުރިން، ގަންނަންޖެހޭ ތަކެތީގެ ލިސްޓެއް ދުރާލާ އެކުލަވާލުން އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޫކޮށްފައިވާ ގްރޯސަރީ ޝޮޕިންގެ ޕާމިޓް ނަންބަރު އެލިސްޓުގެ ކަނާތް ފަރާތު މަތީ އަރިމަތީގައި ލިޔުމަށް އަންގާފަ އެވެ. އަދި މަގުމަތީގައި އުޅޭއިރު، ހުރިހާ ވަގުތެއްގައި ވެސް މަދުވެގެން އެއް މީޓަރުގެ ގައިދުރުކުރުން ބެހެއްޓުމަށް މިނިސްޓްރީ އިން އިލްތިމާސްކުރެ އެވެ. 

މިނިސްޓްރީ އިން ވަނީ ކުޑަކުދިން އެއްގޮތަކަށް ވެސް މަގުމައްޗަށް ނުނެރުމަށް ބަޔާނުގައި އަންގާފަ އެވެ. 

ފިހާރައިން ތަކެތި ގަތުމުގައި ފިހާރަ ބޭރުގައި ކިއު ހަދަންޖެހިއްޖެނަމަ، މަދުވެގެން އެއް މީޓަރުގެ ގައިދުރުކުރުން ބެހެއްޓައި ތަކެތި ގަތުމުގައި ބާސްކެޓް ނުވަތަ ޓްރޮލީ ބޭނުންކުރާނަމަ، އެތަކެތި ހުރީ ޑިސްއިންފެކްޓް ކޮށްފައިތޯ ކަށަވަރުކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން އަންގަ އެވެ. އަދި ފިހާރައަށް ދާން ނުކުންނަންވާނީ ސައިބޯނި ލައިގެން އޮތްދޮވެގެން ނުވަތަ ސެނިޓައިޒް ކޮށްގެން ކަމަށާއި ފިހާރަތެރޭގައި ހުންނަ ތަންތަނުގައި އަތް ނުލައި ހަމައެކަނި ގަންނަން ބޭނުންވާ މުދަލުގައި އަތްލުމަށް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ފިހާރަތެރޭގައި މީހުންނާ މުއާމަލާތްކުރުމަށް މަޑުނުކުރުމަށް މި ބަޔާނުގައި މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ. ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހިޔާރުކޮށް ފިހާރައިން ނުކުމެ، ސެނިޓައިޒާ ބޭނުންކޮށްގެން ދެއަތްތިލަ ސެނިޓައިޒްކުރުން އަދި ސެނިޓައިޒްކުރުމުގައި އަމިއްލަ ސެނިޓައިޒާ ހިޔާރުކުރުމަށް ވެސް މިނިސްޓްރީ އިން ވަނީ ބަޔާނުގައި ބުނެފަ އެވެ. 

މީގެ އިތުރުން، ފިހާރަތަކުން ތަކެތި ގަތުމަށްފަހު ލަސްނުކޮށް ފިހާރައިން ނުކުމެގެން ގެޔަށްދިޔުމަށް މިނިސްޓްރީ އިން އިލްތިމާސް ކުރެއެވެ. އަދި ގެއަށް ދާ މަގުމަތީގައި އެއްވެސް ތަނެއްގައި އަތް ނުލައި އެއް މީޓަރުގެ ގައިދުރުކަން ބަހައްޓައިގެން ގެއަށް ދިޔުމަށް ވެސް ބަޔާނުގައި އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. 

ތަކެތި ގަނެދިނީ ކަމާބެހޭ ފަރާތުން ދޫކޮށްފައިވާ ހުއްދައިގައި ހިމެނޭ ސަރަޙައްދުގައިވާ އެހެން ގޭބިސީއަކަށްނަމަ، އެތަކެތި ގެންގޮސް ހަވާލުކުރުމުގައި، އެމީހެއް ދިރިއުޅޭ ތަނެއްގެ ދޮރު ކައިރީ ގެންގޮސް ތަކެތި ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީ އިން އިރުޝާދު ދެއެވެ. މިނިސްޓްރީ އިން ވަނީ ފިހާރައިން ގެނައި ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށް ސަމާލުކަންދިނުމަށް ވެސް ބުނެފައެވެ. 

ފިހާރައިން ގަތް ތަކެތި ފްރިޖްގަޔާއި އެހެނިހެން ތަންތަނުގައި ބެހެއްޓުމުގެ ކުރިން ތަކެތީގެ ބޭރު ރަނގަޅަށް ސާފުކުރުމަށް ވެސް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ. ގެއަށް ދިއުމަށް ފަހު ވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަށް ވެސް ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ. 

މި ބަޔާނުގައި އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ފިހާރަތަކުން ހިދުމަތް ދިނުމުގައި އަދި ކަސްޓަމަރުންނަށް އިންތިޒާމްތައް ހަމަޖެއްސުމުގައި ބަލީގެ އަލާމާތެއް ހުރި އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނެރެގެންނުވާނެ ކަމަށް އަންގާފައެވެ. ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ހިދުމަތްދޭ ގަޑީގައި ހުންނަންވާނީ މާސްކު އަޅައި އަންގިލައްވައިގެން ކަމަށާއި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދޭންވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

ފިހާރައަށް ކަސްޓަމަރުން ދިޔުމުގެ ކުރިން، ފޯނުން ގުޅައިގެން އޯޑަރު ދެވޭނެ ނިޒާމެއް ގާއިމްކުރެވޭނަމަ، އެނިޒާމް ގާއިމްކޮށްގެން ހިދުމަތް ދިނުމަށް އިހްތިޔާރުކޮށް، ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ފިހާރައަށް ހިދުމަތް ހޯދަން އަންނަ ކޮންމެ ކަސްޓަމަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ ގްރޯސަރީ ޝޮޕިންގ ޕަރމިޓް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރަންވާނެ ކަމަށާއި ހިދުމަތް ހޯދާ ކަސްޓަމަރަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލު، ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގައި އެފިހާރައަކުން ރެކޯޑްކޮށް، ބެލެހެއްޓުމަށް މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ.

ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކޮށް އެކައުންޓައް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްސީލު ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ޑިސްޕްލޭކޮށްފައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

ފިހާރަތަކުން ހިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ނުވެއްދުމަށާއި އެއް ކަސްޓަމަރަށް ވުރެ ގިނަ އިން އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން އެއް މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަ ގޮތަކަށް ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް މިނިސްޓްރީ އިން ވަނީ ފިހާރަތަކަށް އަންގާފަ އެވެ. 

މީގެ އިތުރުން، ކޮންމެ ދުވަހަކު ވެސް ވިޔަފާރި ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި ކަސްޓަމަރުންގެ އަތްޖެހޭ ސަރަހައްދުތައް ޑިޓޯލް ނުވަތަ ސައިބޯނި ފެނުން ރަނގަޅަށް ދޮވެ ޑިސްއިންފެކްޓްކުރުމަށް މިނިސްޓްރީ އިން ވަނީ އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް