ads
އިބްރާހީމް އިސްމާއީލް (އިބްރާ) ފޮޓޯ ސަން
އިބްރާ ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަކީ އެ ކޯޓަށް ތަޅުއެޅުވުމެއް ކަމަށް ބުނެ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
Advertisement

އިބްރާ މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރުމާ ގުޅިގެންނެވެ. އިބްރާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމަކީ އެކޯޓުގައި ތަޅުއެޅުވުމެކެވެ. މީގެ ކުރިން އިބްރާ ވަނީ ސިޔާސީ ކަންކަމަށް ހައްލު ހޯދަންޖެހޭނީ ސިޔާސީ ދާއިރާއިން ކަމަށާއި އެކަމަށް ގާނޫނުއަސާސީއާއި ޖުޑިޝަރީ އުވާލައިގެން ނުވާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، އެ ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުހައްމަދު އަމީން ޒާހިރު ސޮއިކުރައްވައި މިއަދު އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިމައްސަލަތަކާ ގުޅޭ ތަފުސީލެއް ދެ ކޮމިޝަނުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރުދައްކަވައި، ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފައެވެ. ސުއޫދުގެ އިސްތިއުފާގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމާއި އޭސީސީގެ ރައީސް އާދަމް ޝާމިލަށް ވެސް ނުފޫޒު ފޯރުވުމުގެ ތުހުމަތު ކުރައްވާފައިވެއެވެ. ސުއޫދުގެ އިސްތިއުފާގައި ވިދާޅުވެފައިވަނީ ޕާޓީތަކުން ވަކިކުރާ އަދި އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކުރި ދުވަހާއި އަދި ގޮނޑި ގެއްލޭ އިސްލާހަށް އަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި އޮތް ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް