
އދ. ދިގުރަށް ކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަަހައްދު ނޫން ތަންތަނުގައި ޓޫރިސްޓުން މަޑުކުރާ ނަމަ ފީއެއް ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން އެރަށުގައި އޮންނަ ދިގު ރީތި ތުނޑީގައި މަޑުކުރިޔަސް ގެސްޓުން ފީ ދައްކަންޖެހެއެވެ. ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރ ދިގު ރަށުގެ ތުނޑިއަކީ ދުނިޔޭގެ މަގުބޫލުކަން ވެސް ލިބިފައިވާ ތަނަކެވެ.
ފީ ނުދައްކާކަމަށް ބުނެ އެރަށަށް އެރި ޓޫރިސްޓޫންތަކެއް ރަށުން ބާލަން އަންގާތަން ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަނީ ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ޓޫރިސްޓެއްގެ ފަހަތުން ހިނގާ ރަށުން ފައިބަން އަނގަމުންދާ ތަނެވެ.
މިކަމާއި ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދިގުރަށުން ފެނިގެން ދިޔައީ ހިތާމަވެރި މަންޒަރެއްކަމަށެވެ. އެހެންކަމުން އެކަން ވީގޮތް ބެލުމަށް ތަހުގީގެއް ހިންގާނެކަމަށް މިނިސްޓަރު ކުރެއްވި ޓްވީޓްގައިވެއެވެ. އަދި ރަށްރަށުގައި ހުރި މުޖުތަމައުގެ މިންގަނޑުތަކަށް އިހްތިރާމްކުރުމުގައި ދެމިތިބި ނަމަވެސް ރަށްރަށުން ފަތުރުވެރިންނަށް އެކަށީގެންވާ މަރުހަބާއެއް ކިޔަން ޖެހޭނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ދިގުރަށުން ފެނުނު މި އަމަލުގެ ސަބަބުން ޓްއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިކަމުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަނބުވެގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތްކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ މީހުން ބުނެއެވެ.