
އެ ސުވާލަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭގުނެވެ. ޔަގީންވަނީ އެންމެ ކަމެކެވެ. ފުރަތަމަ ދުވަހެކޭ އެއްފަދައިން މިވަގުތުވެސް އަހަރެން އީތަންދެކެ ލޯބިވެ އެވެ.
ވަރަށް ލޯބިވޭ އެވެ.
އީތަންވެސް އަހަރެން ދެކެ ލޯބިވެ އެވެ.
"އަހަރުމެންގެ ނިމުން" ހިތުގައި ހިލަފޮއެއް ބާއްވާފައި އަހަރެން ބުނީމެވެ. އީތަންގެ ބަހަކަށް އަހަރެން މިފަހަރުވެސް މަޑެއް ނުކުރަމެވެ. ފަސްއެނބުރި ބަލައިނުލައި އެތަނުން އަހަރެން ހިނގައިގަތީމެވެ.
އީތަންއާއި ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އޭނާގެ ހާލަކީވެސް އެއީކަން އަހަންނަށް ޔަގީނެވެ.
.........................
(ރިދީ)
"އަހަރުމެންގެ ނިމުން" އަހަރެންގެ ނިންމުން އިއްވާފައި، ފަސްއެނބުރި ބަލައިވެސް ނުލައި ދިޔައީ ބަރުހިތަކައިގގެންނެވެ. އީތަންއާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އަހަރެންގެ ކިބައިގައި ނެތެވެ. ލޮނުވެލިގަނޑުން އަރައިގެން އައިސް ގަސްތަކާއި އަރާހަމަވިތަނާ އަހަރެންގެ ދެފައިގައި ހިލިހިލާ އެޅިއްޖެ އެވެ. ހަށަމަށް އަތްލައިގެން ދެ ލޯ ރަތް އަނގުރުގަޑަކަށް ހަދައިގެން ތިބީ ކާމިލްއާއި އިކާން އެވެ. އެމީހުންގެ އިހްސާސް ދެނެގަންނާން ކުޑަކުޑަ ހިތްވަރެއްވެސް ލާކަށް ނުޖެހުނެވެ. ހިތާއި ސިކުނޑީގައި އެނބުރެމުންދިޔަ ހުރިހައި ހިޔާލެއް އަހަރެން ދެނެގަތީމެވެ. އެދެމީހުންގެ އިހްސާސްތަކަކީ އަހަންނަށްޓަކައި ހުޅުވިފައިވާ ސަފްހާއެކެވެ. އަހަރެންނާއި އީތަންގެ ހުރިހައި ވާހަކައެއް ޖުމުލަކޮށް އެދެމީހުން އަޑުއަހައިފި އެވެ. ޝައްކެއްވެސް ނެތެވެ. އަހަރުމެންގެ 'މިސަފްހާގެ' ހަވާސާ ދަމާނީ އަހަރެންގެ މި ދެ އެކުވެރިންކަށް ޔަގީންވެއްޖެ އެވެ.
އަހަރެން ފަހަތް ބަލައިލީމެވެ. ކަނޑުގެ ރާޅުތަކަށް ގެއްލިފައި އިން އީތަންގެ ފުރަގަހުގައި ހިނގަނީ ކިހައިވަރެއްގެ ހިމޭން ހަނގުރާމައެއްކަން އޭނާއަށް އިހްސާސްވެސް ނުވެ އެވެ.
ލޮނުގައިޑުގައި ދެފައި ތަޅުވާލާފައި ހިކިހިނިތުންވުމަކުން ތަނުގެ ހިމޭންކަން ނަގާލި އެވެ.
"ޗަމްޗީގެ ދެ ބޮޑީގާޑުން..." ކުރިއަށްވުރެން ބާރަށް މިފަހަރު ހޭންފެށި އެވެ.
ލިބުނު ނާއުއްމީދުގައި އަހަރެންގެ ބޯ ދެފަރާތަކަށް ހޫރާލީމެވެ.
މި އިންސާނާ ދުވަހަކުވެސް ބަދަލުވާނެ ބާ އެވެ؟ އީތަން އެ ބުނި ދެ ބޮޑިގާޑުންގެ މެދުންލާފައި އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ގަސްތަކުތެރެ ކިތަންމެ ހާވެސް އަނދިރި އެވެ. ފޯނުގެ އަލިކަމެއްވެސް އަހަރެން މިވަގުތަކު ބޭނުމެއް ނޫނެވެ. ރެއާއި ދުވާލެއް ނެތި، މުޅި ހަޔާތް އަނދިރިވެފައިވާ އިންސާނަކަށް މެންދަމުގެ އަނދިރިކަމަކީ އަމާންކަމަކަށް ނޫނީ ނުވާނެ އެވެ.
ފަސްބެލުމެއްނެތި އަހަރެން ދުވަމުންއައިސް ވަނީ އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރި ތަޅުލުމުގެ އެއްވެސް ބޭނުމެއް މިވަގުތު ނެތުމުން، ތަޅެއް ނުލަމެވެ. އަހަރެންނާއި އީތަންގެ ހަގީގަތް އެ ދެމީހުން މިރޭ އަޑުއަހައިފި އެވެ. އަޑުއެހި އެއްޗަކަށްވުރެން ބޮޑު އެއްޗެއް އެމީހުންގެ ލޮލުން އަނދިރީގައިވެސް ދުށީމެވެ.
ހަމަޔަގީނުންވެސް އެއިގެ ތެރެއިން އެކަކު އަހަރެން ގާތަށް ދާދިއަވަހަށް އަންނާނެ އެވެ. ބެލްކަނީގައި ހަމަޖެހިލީ ސިކުނޑި މައިތިރިކުރެވޭތޯ އެވެ. މިވަގުތު އެހެން އެއްވެސް މީހަކު އަހަރެން ބޭނުމެއް ނޫނެވެ. އެކަނިވެރި ހިމޭން ވަގުތުކޮޅަކަށްވުރެން އަހަންނަށް ފައިދާހުރި އެހެން ފަރުވާއެއް މިވަގުތު ނެތެވެ.
"ރިދީ" ދާދި ގާތުން ނުހަނު ލޯތްބާއެކު، ކާމިލް ގޮވާލި އެވެ.
އަހަރެންގެ ކޮނޑުގައި ކާމިލްގެ ވެޑިންގ ކޯޓް އަޅުވައިލައި، ހާމައަށް ފެންނާން އޮތް ބުރަކަށި ނިވާކޮށްލި އެވވެ. އަދި ދާދި ގާތުގައި އިށީނެވެ. މިއަށްވުރެން އަހަންނަށް އިހްތިރާމްކުރާ، އަހަންނަށް އަޅައިލާ އެހެން އިންސާނަކު މި އުޑުދަށުގައި ލެއްވިބާ އެވެ؟ ކާމިލްފަދަ އޯގާތެރިއަކު އަހަރެންގެ ނަސީބުގައި ލެއްވީތީ ﷲގެ ހަޒްރަތަށް ހަމްދާއި ޝުކުރުކުރަމެވެ.
"ހުރިހައި ވާހަކައެއް އަޑުއެހިން.." ކާމިލް ހަމަޖެހިލެވޭތޯ ނެވާއެއް ލި އެވެ.
ހިމޭންކަމާއެކު ބޮލުން އިޝާރާތްކޮށް އެއްބަސްވަމުން، ކާމިލްގެ މޭގައި ބޯއަޅައިލާ ބޮނޑިވެލީމެވެ. ބައްޕައަކު ފަދައިން އަހަރެންގެ ގައިގައި ކާމިލް ބައްދާލި އެވެ.
"ކާމިލްވެސް ގަބޫލުކުރަނީ، މީގައި ކުށްވެރިއަކީ އަހަރެން ކަމަށްތަ؟ އީތަންގެ އެ ހާލަތުގައި އޭނާ އެކަނިވެރިކޮށްލާފައި އަހަރެން ދިއުމަކީ ގޯހެއްތަ؟ އީތަންގެ އެ ހާލަތަށް ޒިންމާވާންޖެހޭ މީހަކީ އަހަރެން ތަ؟" އިތުރަށް އެއްޗެއް ނުބުނެވުނެވެ. އަހަންނަށް ގިސްލެވިއްޖެ އެވެ. އަހަރެން ހުއްޓުވައި ހަމަޔަކަށް އަޅުވަން ކާމިލް ނުހަނު ހިތްވަރުލާން ޖެހުނެވެ.
"އާދޭ.. މިރޭ އަހަރެންވެސް ރިދީއަށް ސިއްރެއް ބުނެދޭނަން..!" އަހަރެންގެ އަތުގައި ހިފާލާފައި ކާމިލް ބުންޏެވެ.
ލިބުނީ ހައިރާންކަމެވެ. ކާމިލްއާއި ދިމާއަށް ތަފާތުގޮތަކަށް ބަލައިލާންޖެހުނު ސަބަބަކީ އެއީ އެވެ. ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރުކުރީ ކާމިލް ބުނެދޭނެ ބޮޑު ހަގީގަތަށެވެ. އަހަރެންގެ މާޒީގެ ފަހު ދޮޅުއަހަރަކީ ދޮގެއްކަމާއި އެއީ އަހަރެން ހޭލައި ހުއްޓައި ފެނުނު ބިރުވެރި ހުވަފެނެއްކަމަށް ކާމިލް ބުނެފާނެ ބާ އެވެ؟ މާދަމާގެ އިރު އެރުމާއެކު މިހުރިހައި ކަމެއް ހައްލުވެ، އަހަރރެންގެ މޭގެ ރިހުން ލުއިވެދާނެބަ އެވެ؟
"ފާއިތުވި ދޮޅުއަހަރުތެރޭ، އީތަން، ޒާޔާއާއެކު 'ރޭކޮށްފައެއް ނުވޭ'!" ސީދާ އަހަރެންގެ ލޮލަށް ބަލަމުން ކާމިލލް ބުންޏެވެ. ޖެހިލުމެއްނެތި ސާފު ސީދާ އިބާރާތުން ކާމިލް ބުނެލި އެވެ. އެ ބުނުމުގައިވަނީ ޔަގީންކަމާއި ތެދުވެރިކަމެވެ. ކާމިލްގެ ބަސް ތެދުކަމަށްވަންޏާއި އީތަން އަހަންނަށް ދޮގު ހެދީ ކީއްވެ ބާ އެވެ؟
"އީތަންގެ ބަހުރުވައިން ބުނާނަމަ، 'ހީ ޑިޑް ނޮޓް ** ޒާޔާ..!' ތި ދެ މީހުން އެދުވަހު، ރިދީގެ ބެލްކަނީގައި ކސ ކުރިތަން ފެނުމުން އީތަންއާއި ކުރިމަތިލާން އަހަރެން އޭނާގެ ގެއަށް ދިޔައިން..! އަހަރެން ދުށިން އީތަންގެ ޖޫސްތައްޓާއއި ފެންތައްޓަށް ސީދާ ޒާޔާގެ އަތުން ބޭސް އަޅާފައި ގިރާލި މަންޒަރު..! އެ ބޮއެގެން ވާނުވާވެސް އީތަންއަށް ނޭގޭ..! ހަމަޔަށް ދެފައިމައްޗަށް ކޮޅަށްވެސް ނުހުރެވޭ އޭނާއަށް.. އެކަމަކު ހަމަ އެންމެ ފަހަރަކުވެސް ޒާޔާގެ ގައިގައި އީތަން އަތްވެސް ޖައްސާނުލާ..! އަރިއަޅައިލައިގެން އީތަން ވެއްޓުނީ އޭނާގެ އެނދުމަށްޗަށް.. އީތަންގެ ގައިމައްޗަށް ވެއްޓިގަތީ ޒާޔާ އަމިއްލައަށް...! އިތަންގެ ދިފާއުގައި އެއްޗެއް ބުނުމުގެ ހައްގުލިބެންކަމެއް، ނުވަތަ މިންވަރުފުޅުގައި ކޮންގޮތެއް ހުރީމައިކަމެއް ނޭގެ އަހަންނަށް އެމަންޒަރު ފެނުނީ.. ޒާޔާ ހަނދާންވެސް ނެތް އެ ކޮޓަރީގެ ދޮރުލައްޕާންވެސް.. އެކުވެރިޔާގެ ހައްގުގައި އަހަރެން އެމަންޒަރަށް ހެކިވިން.. މިހެން ބުނަން ލަދެއްވެސް ނުގަނޭ! ޖެހިލުމެއްވެސް ނުވޭ..! އަހަރެން އެމަންޒަރު ބެލުމަށްވުރެން އެތައް ގުނައެއް ހުތުރު އަދި ދަށު ދަރަޖައިގެ އަމަލުތަކެއް ޒާޔާ ހިންގީ..!" ހިތްހަމަނުޖެހި ވަރަށް ރުޅިގަދަވެފައި ކާމިލް ބުންޏެވެ. ކާމިލްގެ 'ޕްރެޝަރ' ހަމަޔަކަށް އަޅުވާން އޭނާއަށް ވަގުތު ބޭނުންވި އެވެ. ދެމީހުންގެ ހިމޭންކަމުގައި މާހައުލު އަހަރުމެންނަށް ފުރުސަތު ދިނެވެ.
"ޖެހިގެން އައި ދުވަހު ހެނދުނު އީތަން ހޭލަންވާއިރަށް ޒާޔާ ހަދަންބޭނުންވި ގޮތަށް އެ ވީޑިއޯއެއް ހަދައި، އޭނާ ބޭނުންގޮތަކަށް ގޭމް އޮތީ އަނބުރާލާފައި..! އީތަންގެ ސިކުނޑިއަށް ވަސްވާސް ވައްދައި އެދެމީހުންގެ މެދުގައި އެފަދަ 'ގާތް ގުޅުންތަކެއް ހިންގީ އިތަންގެ އީގޯގެ ސަބަބުންކަމަށް، މަޖުބޫރުން ވިސްނައިދިނީ ޒާޔާ..! އަދި މުޅި ރޭ ހޭދަކުރީ 'އެކަމުގައި' ކަމަށް ވާހަކަ ހަދައިގެން އީތަންގެ ސިކުނޑި ތަގައްޔަރުކުރީ ޒާޔާ..!" ކާމިލްގެ އަޑު ފަނޑުވި އެވެ.
ދެ ލޯ ބޮޑުކޮށްފައި އަހަންނަށް ބަލައިލެވުނެވެ. ކާމިލްގެ ކެތްތެރިކަމަށް އަހަރެން ޝުކުރުވެރިވަމެވެ.
"އެ ރޭ އެ ހެދި ވީޑިއޯއިން އީތަން ބްލެކްމެއިލްކޮށް، އިންޒާރުދީގެން ޒާޔާގެ ހުރިހައި ރޭވުމެއް އޭނާ ކާމިޔާބުކުރީ..؟" ހައިރާންވެފައިވާ ކުޑަކުއްޖަކު ފަދައިން އަހަންނަށް ސުވާލުކޮށްލެވުނެވެ.
ބާރަށް ތެޅެމުންދިޔަ ހިތުގެ އަޑާއެކު އަހަރެންގެ ބޮލުގައި ރިހެން ފެށި އެވެ. ކާމިލްގެ ގައިގައި ބާރަށް ހިފަހައްޓާލީމެވެ.
ހިތުން ކުރެވުނީ އާދޭހެކެވެ. ކާމިލް އެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންގެ އީތަންގެ ކުށެށް ނެތްކަމަށް ބުނާށެވެ. އަހަންނަށް އޭނާ ދުވަހަކުވެސް ބޭވަފާތެރިއެއް ނުވެޔޭ ބުނާށެވެ. އީތަންގެ ކުށެށް ނެތްކަމަށް އަހަރެން ގާތު ބުނެދޭށެވެ.
"އެއީ އެންމެ މި ޒަމާނުގެ ފެންވަރަށް ހަދާފައިވާ ވީޑިއޯއެއް..! އެއީ ޒާޔާގެ މަކަރުވެރި، ހީލަތްތެރި ރޭވުމަކުން އޭނާ ހިންގި ބޮޑު ޖަރީމާއެއް.. ޒާޔާގެ ބޭނުމަކީ އީތަންގެ ހަޔާތުން ރިދީ ބޭރުކޮށްފައި އަލުން، އޭނާގެ ބާރުގެ ދަށަށް އީތަން ގެނައުން.. ކުރިން އީތަންއަކީ ހަމައެކަނި ފައިސާވެރި، ސެލްބްރިޓީއަކަށްވިޔަސް، ފަހުން އީތަންއަކީ މިލިއަނަރެއް...! އޭނާއަކީ ޒުވާން ކޮންމެ އަންހެންކުއްޖެއްގެ ހިތުގެ ވިންދު! އެމީހުންގެ ރިއަލްސްޓޭޓް ވިޔަފާރިއާއި ރިސޯޓްތަކާއި ހޯލްސޭލް މާކެޓަކީ، އީތަންގެ މިއުޒިކުގެ މަގުބޫލުކަމަށްވުރެން ޒާޔާގެ ބޮޑު ޓާގެޓް..! މިފަހަރު އެނބުރި އީތަންގެ ހަޔާތަށް އެއައީ އީތަންގެ މުދަލާއި ފައިސާއަށްޓަކައި.. އެކަން އޭނާ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރިދީ ކަމަށްވާތީ އެންމެ ފުރަތަމަކަމަކަށް އެކަން އެ ކުރީ..!" އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ކާމިލް ކިޔައިދިނެވެ. އަޑުއަހަން ފަސޭހައެއް ނޫނެވެ. އެކަމަކު އެނގެންވެސް ބޭނުމެވެ.
"އޭނާގެ މަޅީގައި އީތަން ޖެހުނީ މާބޮޑަށް..! އެކަމަކު ނަސީބު ރަގަޅުކަމުން، ވަގުތުފާއިތުނުވަނީސް އެ މުސީބާތުން އީތަން ދެމިގެންފި.. ލޯތްބަކީ ކޯންޗެއްކަން އެފަދަ އަންހެނުންނަކަށް ނޭގޭނެ ސްވީޓްހާޓް..! އީތަން އިންތިހާއަށް ރިދީ ދެކެ ލޯބިވޭ.. ޖަލުގެ ތޭރިތަކުގެ ތެރެއަށް ޒާޔާ ގެންގޮސްލާފައި އެހުރީ އީތަން އަމިއްލައަށް ބޭނުންވެގެން.. އެއީ އީތަންގެ ލޯބިވާ ރިދީގެ އަބުރާއި އިއްޒަތާކުޅެލުމުގެ ސަޒާއެއްގެ ގޮތުން.." ކާމިލްގެ ސަފްހާގެ ކޮންމެ ފޮޅުވަތަކީ އަހަންނަށް ލިބުނު ޝޮކެކެވެ. އަނގަހުޅުވި ބަސް ހުސްވެއްޖެ އެވެ.
ގިސްލެވެންފެށީ ގަސްތަކާއި ނުލަ އެވެ. އަހަރެންގެ އީތަންގެ އެއްވެސް ކުށެށް ނެތެވެ. އަނިޔާވެރި ވަކިތަކެއްގގެ ދަށުގައި ޒަހަމްތައް ލިބެމުންދިޔައީ މައުސޫމް އިންސާނަކަށެވެ. އަހަރެންގެ އީތަންއަށް މިހާލަތުގެ ވޭން ހައްގެއް ނޫނެވެ.
އީތަންގެ ވައުދު އެންމެ ފަހަރަކުވެސް އޭނާ އުވާނުލަ އެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވެ އެވެ. އަހަރުމެން ދެމީހުންގެ ހަޔާތުގައި އަދިވެސް އުއްމީދު އެބައޮތެވެ. އިތުރު ފުރުސަތެއް އަހަރުމެން ދެމީހުންގެ މި ގުޅުމަށް ލިބެންޖެހޭ އެވެ.
"ކާމިލް.. ކީއްވެ ތި ހަގީގަތްތައް އީތަންއަށް ކިޔައިނުދިނީ..؟ ކީއްވެ އޭނާ އެކަނި ހާލަތަށް ދޫކޮށްލީ..؟ ކީއްވެ އަހަރެން ކައިރީގައި ކުރިން ނުބުނީ..؟ ތިއީ އީތަން އެންމެ އިތުބާރުކުރާ އެކުވެރިޔާ.. އެފަދަ ނުރައްކަލަކުން އީތަން ސަލާމަތްކުރުމަކީ ކާމިލްގެ ޒިންމާއެއް.. އެފަދަ ބޮޑު އޮޅުންގަނޑެއްގައި، ހައްގު ނޫން ރިހުމެއްގައި އަހަރަކަށްވުރެން ދިގުމުއްދަތެއްގައި އޭނާ އެ ތަހަންމަލްކުރަނީ ނުހައްގުން..! ކާމިލް ކީއްވެ އީތަން ސަލާމަތް ނުކުރީ..؟ އީތަންގެ ރިހުމާއި އޭނާގެ ޝަކުވާތައް އެ ދެ ލޮލުން މިރޭ ދުށިން.." ކާމިލްގެ އަތު ތެރެއިން ދެމިގަނެގެން އަހަރެން ކޮޅަށް ތެދުވީމެވެ. އީތަންއަށް އޭނާގެ އަމިއްލަ ވޭނާއި ރިހުމުގެ ހަގީގަތް އެނގެން ޖެހޭނެ އެވެ.
"ނޫން ރިދީ" އަހަރެންގެ އަތުގައި ހިފައި ދަމައިގަތްފައި ކާމިލް އަހަރެން ހުއްޓުވި އެވެ.
"އަހަންނަށް އިނގޭ އީތަން ތަހަންމަލްކުރަމުން އެދަނީ އޭނާގެ އަމިއްލަ ކުށެށްގެ ސަޒާ ނޫންކަން.. އަހަންނަށް އެކަން އެނގޭ..!" ކާމިލް ހަޅޭއްލަވައިގަތެވެ.
"އެކަމަކު އެއީ ދޯ އީތަން، ރިދީއަށް ހެދިގޮތަކީ..؟ ނޫންތަ؟ އެއްވެސް ކުށެށް ނެތި ރިދީއަށް ސަޒާ ދިނީ، އިންސާނިއްޔަތުކަންވެސް ހަނދާންނައްތާލާފައި.. އެކަން ރިދީ، ހަނދާން ނެތުނީ..؟" ކާމިލް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
"އެކަމަކު ކާމިލް، ވިސްނާލަބަލަ..! އީތަންގެ އެއްވެސް ކުށެށް ނެތް..! އަހަރެން ގަބޫލުކުރަން އޭނާ އަހަރެންނާއި ދޭތެރޭގައި ކަންކަންކުރީ ރަގަޅަކަށް ނޫން.. އެނޫނަސް ކުށްކޮށްފައި، ގޯސްހަދާފައި އެބަހުރި..! އެއީ އިންސާނީ ތޮބީއަތެއް... އީތަންއަށްވެސް އަހަންނަށްވެސް ގޯސްހެދިފައި އެބަހުރި.. ގަބޫލުކޮށްބަލަ..! އީތަންއަކީ ކުށްކޮށްފައި އެއަށް ފިލާ މީހެއްނޫން.. އޭނާގެ ކުށަށް އޭނާ އިއުތިރާފް ވާނެ.. ކޮންމެ ކުށަކަށް ވަކިވަކިން މައާފަށް އެދެފި.. އިތުރަށް ސަޒާ ނުދީ ޕްލީޒް..!" ކާމިލްއަށް ވިސްނައިދެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ދެއަތް ޖޯޑްކޮށް، އާދޭސްކުރީމެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލާފައި ނިއްކުރީގައި ހިފަހަށްޓާލި އެވެ.
"މިތަނުގައި ރިދީ ތިދައްކަނީ، އަހަރެން ދައްކަންޖެހޭ ވާހަކަ.. އަހަންނަށް ހީވަނީ ކަންކަން ވާންޖެހޭގޮތުގެ އެކޮޅުކޮޅުން ކަންނޭގެ މިތަނުގައި ކަންކަން މިވަނީ" ނިއްކުރީގައި ހިފަހަށްޓާފައި ކާމިލް ބުނެލި އެވެ.
މި ޖޯކަރުގެ ހަރަކާތުން އަހަރެންގެ ހިނިގަނޑު ނުހިފެހެއްޓުނެވެ. ކަރުނައިގެ ތެރެއިންވެސް އަޑުވީއްލާ ރޮވުނެވެ. ރޮމުން، ކަރުނައަޅަމުން އަޑުއުފުލާ ހެވުމަކީ ކޮންކަހަލަ އުފަލެއް ގެނުވާކަމެއްކަން މިނޫނީ ދުވަހަކުވެސް އިހްސާސެއް ނުކުރަމެވެ. މިއީ ދުނިޔޭގެ އެންމެ ހިތްގައިމު އިހުސާސެވެ. ހިތުގެ ބަރުކަން ފިލައި ހިނގައްޖެ އެވެ. ސިކުނޑީގެ ހާސްކަން ދިޔަ ދިމާލެއްވެސް ނޭގެ އެވެ. ބޮލުގައި އޮތް ބޮޑު ހިލައެއް ނެތި، ލުއިކަމާއެކު ކަނދުރާ ހަރަކާތްކޮށްލެވުނެވެ. އެތައް ދުވަހެއްގެ ނުތަނަވަސްކަން ހަމަކުއްލިޔަކަށް ފިލައި ދިޔުމުން މިއޮތްކުރެވޭ ހިތްގައިމު އިހްސާސެއް ބުނެދޭކަށްވެސް ނޭގެ އެވެ.
މުޅި ހަށިގަނޑުން އަށްޑިހަ ވަރަކަށް ކިލޯ ލުއިވެގެން ދިޔައީ އެވެ. ދޮޅުއަހަރުކުރިން އަހަރެން ބަރުދަން ބެލީމެވެ. އޭރު އަހަރެންގެ ބަރުދަނުގައި ފަންސާސް ހަތް ކިލޯ ހުއްޓަސް، މިދިޔަ މުއްދަތުގައި ސިކުނޑީގައި އަށްޑިހަވަރަކަށް ކިލޯ އުފުލިފައި ހުންނާނެކަން ޔަގީނެވެ. ހިތާއި ސިކުނޑި އަދި ކަނދުރާއާއި އަހަރެންގެ ބޯ އެހައި ބަރެވެ.
ލިބުނު އުފަލެއްގެ ބޮޑުކަމާ އެވެ. އަހަރެންގެ އީތަންގެ އެއްވެސް ކުށެށް ނެތެވެ. ހަގީގަތަކީ އެއީ އެވެ. އެތައް ހާސް މޭލެއް ދުރުގައި ތިއްބަސް، އަހަރުމެންގެ ދެހިތުގައި އެއް ވިންދެއް ޖަހަމުންދިޔައީ މިއީ އިންތިހާ ސާފު ލޯތްބެއް ކަމަށްވާތީ އެވެ.
ހަގީގަތް ހާމަވެ ފައުޅުވެއްޖެ އެވެ. އަހަރެންގެ ލޯބީގެ ތެދުކަން ހާމަވީ އެވެ. ދުނިޔޭގެ ހުރިހައި އުފަލެއް އަހަންނަށް ލިބުނުފަދަ އެވެ. ވަޅުލާފައި އޮތް 'ސިއްރު' ހާމަވީ އެވެ.
"އަހަރެން މި ސިއްރު، މިއަދާއި ހަމަޔަށް ހިފަހައްޓައިގެން މިހުރީ އޭގައި ސަބަބެއް އޮތީމައި.. އަހަރެންގެ އަޒުމަކަށްވީ އީތަންގެ ލޯބި އީތަންއަށް އިހްސާސްވުން.. އީތަންގެ ކުށަށް އީތަން އަމިއްލައަށް އިއުތިރާފްވުން.. އަހަރެން އުއްމީދުކުރީ ތިޔަ ދެމމީހުންގެ މައްސަލަ އަމިއްލައަށް ހައްލުކޮށް، ދިރިއުޅުމަށް އިތުރު ފުރުސަތެއް ދިނުމަކީ ތި ދެމީހުންގެ އަމިއްލަ އިހްތިޔާރެއްކަމުގައިވުން.. އަހަރެން މިކަން މިކުރީ ތިޔަ ދެމީހުންގެ ލޯބީގެ ހައްގުގައި.. ހަމައެކަނި ތި ދެމީހުންނަށްޓަކައި..! މިހިސާބަށް އައުމަށް ވަގުތު ނަގައިފި.. ދެމީހުން ވޭން ތަހަންމަލްކޮށްފި.. އެކަމަކު މައާފަކަށް ނޭދޭނަން!"
އަހަރެންގެ ބޮލުގެ އިސްތަށިގަނޑު ހާވާލަމުން ކާމިލް ބުންޏެވެ. އުފަލުން ހިނިތުންވަމުން އަހަރެންގެ ދެ ލޯ މަރައިލީމެވެ. (ނުނިމެ)