
"ދެން، ހޭލެވުނީ ޖެހިގެން އައިދުވަހުގެ ހެނދުނު.. ދޮރުގައި ވަރަށް ތެޅިން.. ތަޅުދަނޑި ހޯދަން ގެއަށްނުދެވިގެން އުޅެނިކޮށް އެ ތަނަށް އައީ ޒާޔާ..! އަހަރެންނާއި ޒާޔާއާއި 'އެކުގައި ކުރި ހުރިހައި ކަމެއް' އޭނާ އޮތީ ވީޑިއޯކޮށްފައި.. އަހަރެންގެ އަމިއްލަ ކޮޓަރީގައި ކެމެރާ ބަހައްޓައިގެން އެވަރުގެ ކަމެއް ކުރިއިރުވެސް އަހަންނަށް ރެއަކާނުލައި..! އޭނާ އެ ވީޑިއޯތަށް އެޑިޓްކޮށްފައި ހުރީ އަހަރެން ގަދަކަމުން އޭނާގެ ބޭނުންކުރަނީކަމަށް ދޭހަވާގޮތަށް.. އެކަމަކު ރިދީ، މިވަގުތުވެސް އަހަރެން ހުވާކޮށްފައި ބުނަން، އަހަރެން އެކަންކަން ކުރީ އެނާގެ އިޒްނައާއެކު.. އެކަމަށް އިސްނެގީވެސް، އެކަމަށް މަގުފަހިކުރީވެސް ހަމަ ޒާޔާ.. އަހަންނަކީ ގަދަކަމުން އަންހެން ކުދިންގެ ފައިދާ ފޭރިގަންނަ ބީސްޓެއް ނޫން..! އެކަމަކު،..." އީތަން ބުނަން އުޅުނު އެއްޗެއް މިފަހަރު ބުނެވޭގޮތެއް ނުވި އެވެ.
ކަރުނައާއެކު ހިމޭންވީ އަހަރެންގެ ހިތުގައި ބިރު އުފައްދާފަ އެވެ. އަހަރެންގެ ގައިރު ހާޒިރުގައި އީތަން ތަހަންމަލްކޮށްފައިވާނެ ކަންކަން އަންދާޒާކުރާންވެސް އަހަރެން ނުކުޅެދުނެވެ.
"ޒާޔާ އަހަންނަށް އިންޒާރު ދިނީ އަހަރެންގެ އެންމެ ބަލިފައި ހޯދާފައި.. އޭނާގެ ހަމަލާތައް އަންނަންފެށީ ރިދީއަށް.. އަހަރެންނާއި ރިދީގެ ގުޅުން މުޅިން ބަރުބާދުކޮށްލުމަށް..! ކުރެވޭނެ އެއްކަމެއްވެސް ނެތިފައި އަހަރެންނަށް ގޮތްހުސްވި..! ބިރުދައްކަންފެށީ އަހަރެންގެ އިންސްޓަގްރާމް ހެނޑްލް އެއްގަޑީރަށް، އޭނާއަށް ނުދީފިއްޔާ، އަދި އަހަރެންގެ ހަޔާތުން ރިދީ މުޅިން ދުރުނުކޮށްފިއްޔާ، އަހަރެންނާއި އޭނާގެ އެ ވީޑިއޯ ލީކް ކޮށްލާނެކަމަށް.. އަހަންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރިދީ ދޫކޮށްލުމާއި އިންސްޓާ ހެނޑްލް އޭނާ އެދުނު ޝަރުތާއެކު ދިނުން.. އެހެން އެއްގޮތެއްވެސް ނެތުމުން ދެކަމަށްވެސް އަހަރެން އެއްބަސްވީން..! އަހަރެންނަށް ހިތްވަރެއް ދޭން ނުވަތަ ރަގަޅުގޮތް ބުނެދީ، އެ ނުރައްކަލުން އަހަރެން ސަލާމަތްކުރާކަށް އަހަރެންނާއެކު އަހަރެންގެ ރިދީ އެއް ނެތް..! ރިދީއަށް އިނގޭނުން.. ރިދީއާއި ނުލައި އަހަރެންގެ ހަޔާތުގައި ރަގަޅު އެއްކަމެއްވެސް ނުވާނެކަން.. ރޮކް5ގެ ހައްގުގައި އަހަރެން ޖެހުނީ ހަތިޔާރު ބަހައްޓައި ޒާޔާގެ އެދުމަށް އިޖާބަ ދޭން.. އެ ވީޑިއޯ އޭނާ ލީކްކޮށްލައިފިއްޔާ ހަލާކުވެގެން ދާނީ އަހަރެން އެކަންޏެއް ނޫން.. ރޮކް5ގެ ދެންތިބި އެންމެންގެ ކެރިއަރ އެ ހިސާބުން އެ ހަލާކުވީ..! އެންމެންގެ ހައްގުގައި އަހަރެން ޖެހުނީ ފަހަތަށްޖެހެން.. އަހަރެންނަކީ ނުލަފާ މީހެއް..! ރުންކުރު ރުޅިގަދަ މީހެއް..! އެކަމަކު އަހަރެންނަކީ އަމިއްލަ އެދުން ބޮޑު މީހެއްނޫން.. އަހަރެންގެ އެކުވެރިންގެ ދިރިއުޅުން ހަލާކުކޮށްލާފައި އަހަރެންގެ ލޯތްބަށްޓަކައި އެމީހުންގެ މުސްތަގުބަލް ފުނޑާލާނީ ކިހިނެއް..؟ އެހެންވެ ޒާޔާގެ ޑިމާންޑަށް އަހަރެން އެއްބަސްވިން..! އެކަމަކު ކުޑަކޮށްވެސް ހިތަކަށް ނާރާ އަޕްލޯޑްކުރަން އޭނާ އެއުޅެނީ އަހަރުމެން ދެމީހުންގެ ވީޑިއޯ ކަމެއް.. އަހަންނަށް ކުޑަކޮށްވެސް އެކަމެއް ނޭގޭ.." އަހަންނާއި ދިމާއަށް ބަލައިލާފައި އީތަން ރޯންފަށައިފި އެވެ. މަންޒަރު ބަލަން އަހަންނަށް ކެތްވާނެ ހެއްޔެވެ؟
"އެ ވީޑިއޯ އަޕްލޯޑްކޮށްލުމާއެކު ހިނދުކޮޅެއްގެތެރޭގައި އޭތީ ވައިރަލް ވެއްޖެ..! އަހަރެން ޒާޔާއާއި ކުރިމަތިލިން.. އޭނާ ބަރުބާދުކޮށްލާނެކަމަށް އަހަރެން އިންޒާރުވެސް ދިނިން..! ހަމަނުޖެހުންވެސް ކޮންމެވެސް ވަރަކަށް ހިނގި..! އަހަރެންގެ އަތްދަށުން ދެމިގަނެގެން އޭނާ ކޮޓަރިން ބޭރަށް ނިކުތީ އަހަރެންނާއި ފިލަން.. އެވަގުތު ފޯނެއް އައުމުން، އޮފީހަށް ޖަވާބުދީފައި އަހަރެން އުޅުނީ އޭނާ ހޯދަން ނިކުންނަން.. އެކަމަކު ގޯޕާލް އަހަރެންގެ ބީޓްރޫޓް ޖޫސްތަށި އަދި ފެންތަށި ގެނައީ ހަމަ އެވަގުތު.. އެއްފަހަރުން ޖޫސްތަށި އަދި ފެންތަށި ދަމާލީ އައިސްފައި ހުރި ރުޅިން.. އެ ބޯލުމާއެކު އަހަރެންގެ ބޮލަށް ބަރުވާންފެށި.. ޝައްކުވެގެން ގޯޕާލްއަށް ބަލައިލެވުމާއެކު އޭނާގެ ކުށަށް އިއުތިރާފުވެއްޖެ.. އެ އަންހެނާ، ގޯޕާލްއަށް ފައިސާދީގެން އޭނާ ލައްވައި އަހަރެންގެ ޖޫސްތައްޓަށް ކޮންމެވެސް އެއްޗެއް ހުރީ އަޅާފައި.. އެ އެއްޗެއްގެ ބާރުގައި ހުއްޓައި އިކާން އައީ ރިދީގެ ދިފާއުގައި އަހަންނާއި ކުރިމަތިލާން.. ޒާޔާ އަހަރެންގެ ސިކުނޑިއަށް ވައްދާފައި ހުރި ވަސްވާސްތައް އެއްފަހަރާ ކުރިމަތީގައި އެނބުރެންފެށި.. ޒާޔާ ބުނިގޮތުން އިކާންއާއި އޭނާގެ ގުޅުމުގައި ޒާޔާގެ ކުށެށް ނެތް.. އަދި އިކާންއާއި ރިދީގެ ގުޅުމަކީވެސް އިކާން ސިއްރުން ހަގީގަތުގައިވެސް ކުރިއަށް ގެންދާ ލޯބީގެ ޖަރީމާއެއްކަމަށް އަހަންނަށް ޒާޔާ ވިސްނައިދިން.." ފުން ވިސްނުމެއްގައި އިނދެ އީތަންގެ ވާހަކަ ހުއްޓާލި އެވެ. ވިދަމުން ދިޔަ ތަރިތަކަށް އީތަންގެ ސަމާލުކަން ހުއްޓުވާލި އެވެ. ކޮންމެވެސް ކަމަކާ ފުންކޮށް ވިސްނާލީކަން އެނގުނެވެ.
"ޒާޔާ ބުނަގޮތުން، އިކާން ރިދީ އަތުލައިގަތީ އަހަރެންނާއި ހަސަދަވެރިވެގެން.. އެހުރިހައި ކަމަކަށް އަހަރެން އިކާންދެކެ ވަރަށް ރުޅިއައި.. އެކަމުގެ ރުޅީގައި ވަރަށް ގިނަ ގޯސްތަށް ހެދުނު..! ސަބަބަކީ އަހަރެން ހީކުރީ ހަގީގަތުގައިވެސް އިކާން ރިދީދެކެ ލޯބިވާކަމަން.. އަދި ރިދީއާއި އިކާންގެ ގުޅުން ކުރިއަށްދާކަމަށް.. ޒާޔާއާއި އިކާންގެ ގުޅުން އެނގުމުން އަހަރެންގެ މުޅި ކެރިއަރ އެފުށްމިފުށަށް ޖެހިގެންދިޔަ... އަހަރެން ހީކުރީ ހަމައެގޮތަށް އަހަންނާއި ރިދީގެ އެވާހަކަތައް އިވުމުން އިކާންވެސް 'ހާރޓް' ވާނެކަމމަށް.. އެކަމަކު އިކާން، ރިދީއަށް ވަރަށް ޓްރަސްޓް ކުރޭ!" މާނޭވާއެއް ލަމުން ލުއިގޮތަކަށް ހީލެވޭތޯ އީތަން މަސައްކަތްކުރި އެވެ.
"އެދުވަހު އަހަރެންގެ އެ ދޮގު ވާހަކަތައް އަޑުއަހައި އެމަންޒަރުދެކެން އެތަނުގައި ރިދީ ހުރެދާނެކަމަށް އަހަރެން ހިޔެއްވެސް ނުކުރަން! އެކަމަކު އަހަރެންގެ ނަސީބު ދެކިބަލަ! އެއީ ވެސް ޒާޔާގެ ރޭވުމެއް.. އެ ރޭވުމުގައިވެސް ބެދި، މަޅިން ސަލާމަތްނުވެވި ޒަހަމްވީ ހަމަ އަހަރެން..!" އަހަރެންގެ އަތުގެ ތެރެއިން އީތަންގެ އަތް ދަމައިގަތްފައި މޫނުގައި ދެއަތް އަޅާއިފޮރުވި އެވެ.
އަހަރެންގެ ކުރިމަތީގައި މިފަދަ ގޮތަކަށް އީތަން ނިކަމެތިވެދާނެކަމަށް ހުވަފެނެއްގައިވެސް ފެނިފައެއް ނުވެ އެވެ. އަހަންނަށް އިތުރަކަށް ކެތެއް ނުވާނެ އެވެ. ސިއްރު ކަރުނަ އަޅަމުން އީތަންގެ މި ހާލަތު ދުށުމަކީ އަހަންނަށް ކެތްވާވަރުކަމެއް ނޫނެވެ.
"އައި ޖަސްޓް ވޯންޓެޑް ޓު ޕްރޮޓޭކްޓް ޔޫ، އެނޑް އައި ލޮސްޓް ޔޫ އިންސްޓެޑް..! އިހްސާސްކުރެވުނީ އަހަރެންގެ ބަލިކަށިކަމާއި ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަން.. އެދުވަހަށްވުރެން ހިތްދަތިވި ދުވަހެއް އަހަރެންގެ ހަޔާތުގައި ނާދޭ..! ޓީވީތަކާއި މުޅި ސޯޝަލްމީޑިއާގައި ރިދީއަށް ހަޑިހުތުރު ނަންނަމުން މުހާތަބްކުރަމުން ފުރައްސާރަކުރީ އަހަރެންގެ ސަބަބުން.. އެއަށްވުރެން ބަލިކަށިވި ދުވަހެއް، އަހަރެންގެ ނިކަމެތިކަން ހިތަށްއެރި ދުވަހެއް، އަހަރެންގެ ހަޔާތުން އަދި އިރެއް ނާރާ..! ފައިސާއާއި އާރާއި ބާރާއި މަޝްހޫރުކަމާއި މަގްބޫލްކަން އަހަންނަށް ލިބިފައި އޮތަސް، އެއިން އެއްވެސް ކަމެއްގެ އަގެއް އަހަރެންގެ ކުރިމަތީގައި އެދުވަހު ނެތް.. ކުރެވޭނެ އެއްކަމެއްވެސް ނެތި، ފެން ނެތްތަނެއްގައި ތެޅިފޮޅޭ ރޯމަހެއްހެން އަހަރެން އެދުވަހު ހޭދަކުރީ އެކަމުން ރިދީ ސަލާމަތްކުރެވޭނެ އެއްގޮތެއްވެސް ފެނޭތޯ..! ރިޝްވަތު ދެވުނީ ކިތަށް މީހުންނަށްކަމެއް އިންޒާރުދެވުނީ ކިތަށް މީހުންނަށްކަމެއް އަންދާޒާކޮށްލަންވެސް އަހަންނަކަށް އަދިވެސް ނޭގޭ.. ހިތަށް އައި ހުރިހައިކަމެއް ކުރިން..! އެ ހުރިހައި އެއްޗެއް ނައްތާލަން ދެދުވަސްވަރު ނެގި.. އޭރު އޮތީ ވާނެއެއްޗެއް ވެ ނިމިފައި.. އަހަރެންނަކީ މޮންސްޓަރ އެއް.. ރިދީގެ މޮންސްޓަރ! އެކަމަކު އަންހެން ކުއްޖެއްގެ އަބުރާއި އިއްޒަތް މުޅިދުނިޔެ ކުރިމަތީގައި ސުންނާފަތިކޮށްލުމަކީ މި މޮންސްޓަރވެސް ހަމަހޭގައިހުރެ ކުރާނެވަރު ކަމެއް ނޫން..!" އީތަންއަށް ރޮވިއްޖެ އެވެ.
ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް ވައްދާފައި ބާރަށް އިސްތަށިގަނޑުގައި ހިފި އެވެ. އިސްތަށިގަނޑު މުޅިން ދިގު ނޫނަސް، އީތަން އަބަދުވެސް ބޯކޮށާފައި ހުންނަނީ ފުރަގަހުން ކުރުކޮށް، އަދި ކުރިމަތީން 'ޖެލްއަޕް' ކުރަން އެންމެ ހިތްގައިމު ވަރަށެވެ. ލޯތްބާއެކު އޭނާގެ ބޮލުގައި އަހަރެން ފިރުމާލީމެވެ. އަދި ބުރަކަށީގައި ފިރުމާލުމުން އީތަން ހަމަޔަކަށް އެޅެން ފަށައިފި އެވެ.
"ޕްރިންސެސް.. އެއީ ޒާޔާ ކުރިކަމެއް..! އަހަރެން އޭނާގެ ކިބައިން ބަދަލުހިފިން.. އޭނާއަށް ދުވަހަކުވެސް،، ބެއިލް ލިބުމެއް ނެތް ގޮތަށް، ދިގު މުއްދަތަކަށް އޭނާ މިހާރު ހުންނާނީ ޖަލުގައި.. އެކަމަކު އަހަންނަކަށް އަމާންކަމެއް ނުލިބުނު..! އަހަރެންގެ ރިދީ އަހަރެން ދޫކޮށްފައި ފުރައިގެން ދިޔައީ ވަރަށް ދުރަށް..! ފަސްއެނބުރި އެންމެ ފަހަރަކުވެސް ބަލައިނުލި..!" އުޑުގެ ތަރިތަކަށް ބަލައިލަމުން އީތަންގެ ކަރުނަ ފޮހެލި އެވެ.
އޭނާގެ ކަރުނައަށް ހެކިވާނެ އެހެން ފަރާތެއް ނެތުމުން، އެއީ އޭނާގެ އެކުވެރިންކަމުގައި ދެކެފައިވާކަމަށް އަހަރެންގެ ހަވަނަ ހިއްސު ބުނެލި އެވެ.
"އެންމެ ފަހަރަކު އަހަންނާއި މަޝްވަރާކޮށްލިނަމަ..! ހަމަ އެންމެ ފަހަރަކު އަހަރެންނާއި ވާހަކަދައްކާލިނަމަ..! ކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލަން އެންމެ ފަހަރަކުވެސް ރިދީ މަސައްކަތްކޮށްލިނަމަ..! އެންމެ ދުވަހެއްވެސް އަހަންނަށް ނުދީ ރިދީ ފުރައިގެން ދިޔައީ، އަހަރެންގެ ހާލަކީ ކޮބައިތޯވެސް ބަލާނުލާ..! އަހަރެން ދޫކޮށްލާފައި ރިދީ ފުރައިގެން ދިޔައީ، އަހަރުމެންގެ ލޯތްބަށް އެންމެ ފުރުސަތެއްވެސް ނުދިނީ! ރިދީ ހަދާނެއް ނެތް، ރިދީއާއި ނުލައި އަހަރެން ނިދި ނާންނަކަމެއްވެސް.. އަހަންނަކީ އާންމުކޮށް، ބިރުވެރި ހުވަފެން ފެންނަ މީހެއްކަމާއި އެވަގުތުތަކުގައި ހަމައެކަނި އަހަރެން ބޭނުންވަނީ ރިދީގެ އޯގާތެރިކަން ކަމާއި އެނޫން ގޮތަކަށް އަހަންނަށް މެންދަމުގެ ހަމަޖެހުން ނުލިބޭކަމެއްވެސް ރިދީ ހަނދާނެއް ނެތް..! އާނ..! އަހަރެން ގަބޫލުކޮށް އެއްބަސްވެ، އިއުތިރާފްވަން، އަހަރެން ކުށްކުރިން..! ކުށް ތަކުރާރުވެސް ކުރިން.. އަނިޔާވެރިވެސް ވީން.." އީތަންގެ ހިތް ޒަހަމްވެފައިވަނީ، އެ ހިތް ދެވަނަ ފަހަރަށް ފަރުވާކޮށް ފަސޭހަނުކުރެވޭ މިންވަރަށެވެ.
އީތަންގެ ރަތްވެފައިވާ ދެ ލޮލަށް ބެލުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އެކަމަކު އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފަހަށްޓާލުމުން، އެހެން ދިމާއަކަށް ބެލުމަކީ އަހަރެންގެ އިހްތިޔާރުގައި އޮތްކަމެއް ނޫނެވެ. ލޯތްބާއެކު އީތަންގެ ދެއަތުގައި އަހަރެން ފިރުމާލީމެވެ. އަހަރެންގެ އެ ހަރަކާތުން އޭނާއަށް ހިތްވަރުވެސް ލިބުނެވެ.
"ރިދީ ބުނެބަލަ، އަހަންނާއިމެދު ރިދީ ކަންތައްކުރީ ރަގަޅަށްތަ؟ އަހަރެންގެ ޒަހަމްތަކަށް ފަރުވާ ހޯދައިދޭނެކަމަށް ރިދީ ވައުދު ނުވަންތަ؟ އެކަމަކު އަހަރެންގެ ހަޔާތުގެ އަނދިރިފަޅި ފެނުމާއެކު ރިދީ ފިލައިގެން ދިޔައީ ފަހަތް ބަލައިވެސްނުލާ..! ކަންކަމާއި ކުރިމަތިލާން ނުކެރޭ ފިނޑިއެއް ފަދައިން ރިދީ ފިލައިގެން ދިޔައީ އަހަރެންގެ ހިލަމެއްވެސް ނުވާހައި ދުރަށް..!" އަހަރެންގެ މޫނަށް ބަލަމުން ނަފްރަތާއެކު އީތަން ބުނެލި އެވެ.
އަހަރެންގެ ބޯ ދެފަރާތަކަށް ހޫރާލާފައި އިންކާރު ކުރީމެވެ. އަހަންނަކީ ފިނޑިއެއް ނޫނެވެ. ކަންކަމާއި ކުރިމަތިލާން ނުކެރޭ، ބަލިކަށި މީހެއްވެސް ނޫނެވެ. އަހަރެންގެ ދެ ކޯތާފަތާއި މޫނު ފޮހެލީމެވެ. ދެލޮލުގެ އާތްވެއް ނުހިފެހެއްޓުނެވެ. އީތަންގެ ތުހުމަތުތައް އެއީ ސައްހަ އިލްޒާމްތަކެއް ބާ އެވެ؟ އަހަންނަށް ކަންކަން ކުރެވުނީ ރަގަޅަކަށް ނޫންހެއްޔެވެ؟
އަހަރެންގެ އަމިއްލަ ހާލަތަށް ގޮތެއްނިންމާން އަމިއްލަ ނަފުސު ފަސްޖެހުނެވެ. މިހާލަތުގައި އަހަރެން ދެން ކަންކުރަންވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ނިންމުން ރަގަޅު ހެއްޔެވެ؟ ނުވަތަ އެއީ ހަޔާތުގައި ނިންމުނު އެންމެ ނާއިންސާފު ނިންމުން ހެއްޔެވެ؟
"އައި ހޭޓް ޔޫ ރިދީ، ޔެސް! އައި ހޭޓް ޔޫ.. އައި ހޭޓް ޔޫ ރިދީ އިމާދު.. އައި ހޭޓް ޔޫ..! އެއީ ދުވަހަކުވެސް ނނުކުރާނެކަމަށްބުނި ހުރިހައި ކަމެއް ރިދީވަނީ ކޮށްފައި.. އަހަރެންނަށް ވީ ހުރިހައި ވައުދަކާއި ރިދީވަނީ ހިލާފްވެފައި.. އަހަރެން ރައްކާތެރި ކުރާނެކަމަށާއި ދުވަހަކުވެސް އަހަރެން އެކަނި ކޮށްލާފައި ނުދާނެކަމަށްބުނެ ކުރި ހުރިހައި ހުވަޔެއް ރިދީވަނީ އުވާލާފައި.. އަހަންނަކީ މޮންސްޓަރރއެއްކަން އެންމެ ރަގަޅަށް އެނގޭނީ ރިދީއަށް.. އަހަރެންގެ ދެވަނަ ނަމަކީވެސް 'ކުށް ކުރުން'... އެކަން އިނގޭއިރުވެސް ރިދީ، އަނިޔާވެރި ދުނިޔެއަށް އަހަރެން ދޫކޮށްލީ..! އަހަރެން މިރޭ ނުބުނާނަން، ރިދީއަކީވެސް މައުސޫމް އިންސާނެކޭ! އެއީ ރިދީ އަހަންނަށް ހެދި ގޮތްތަކަށް ރިދީވެސް ޒިންމާވާންޖެހޭނެތީ..! އަހަރެންގެ ދިފާއުގައި އެއްޗެއް ބުނުމުގެ ފުރުސަތު އަހަންނަށް ނުދިނުމަކީ ރިދީގެ އެންމެ ބޮޑު ކުށް..! އަހަރެންގެ ހާލަތަކީ އެދުވަހު ކޮބައިކަން ބަލައިލާނެ އެއްވެސް މީހަކު ނެތް.. އަހަރެން ކޮންޓްރޯލް ކުރަމުންދިޔައީ ނުބައި ނުލަފާ، އަންހެނަކު..! އެނާގެ މަޅިން މިންޖުވެވޭނެ އެއްގޮތެއްވެސް ނެތް..! އަހަރެންގެ ދިފާއުގައި އަބަދު ތެދުވަނީ ރިދީ.. އަހަރެންގެ ތަބީއަތުގައި 'ގޯސް ހެދުން' އިންތިހާއަށް ގޮސްފައި އޮންނަކަން އެނގިހުރެވެސް އެކަމުން މިންޖުވާނެ މަގެއް ނުދައްކާ، ހަލާކުގެ ތެރެއަށް އަހަރެނން އެއްލާލާފައި ފަސްއެނބުރި ބަލައިވެސްނުލީ ރިދީ..! ހޭލަހުއްޓަސް، ނިދާފައި އޮތަސް އަހަންނަށް ރިދީ ފެންނާންފެށީ ހަމަބުއްދި ފިލައިދާވަރަށް..!
ނޭވާލާން އުނދަގޫވުމުން އީތަން ކޮޅަށް ތެދުވި އެވެ.
ދެކޮޅަށް އިރުކޮޅަކު ހިނގާލާފައި އައިސް އަނެއްކާވެސް ކުރިން އިންގޮތަށް އިށީނެވެ.
"ރިދީ ބުނެފާނެ، ރިދީ ބަރުބާދުކޮށްލީ އަހަންނޭ، އެކަމަކު ޕްރިންސެސް... އަހަރެން ބަރުބާދުކޮށްލި މީހަކީ ރިދީ..! އަހަންނަށް މިހާލު ޖެއްސީ ރިދީ..! އަހަރެން ރިދީގެ ދުނިޔެ ސުންނާފަތި ކޮށްލިން، އެކަމަކު އެއަށްވުރެން ނިކަމެތިކޮށް އަހަރެންގެ މުޅި ދުޔިގެ ފުންޑުފުނޑުކޮށްލީ، ރިދީ..! އަހަރެން މި ދުނިޔެއަށް އެކަނިވެރިވެ، ބާކީ ކޮށްލީ ރިދީ..! އައި ހޭޓް ޔޫ.. އައި ހޭޓް ޔ.." އިތުރަށް އެޖުމުލަ ފުރިހަމަކުރާން އީތަންއަށް ފުރުސަތެއް ނުދެމެވެ.
ގައިގައި ހުރި ބާރެއްލާފައި އީތަން ގައިގައި ބައްދައިގަތީމެވެ. އެއަށްވުރެން ބާރަށް އީތަން އަހަރެންގެ ގައިގައި ބައްދައިގަތެވެ.
މިއީ އަހަރުމެން ދެމީހުންވެސް ބޭނުންވި ހިނދުކޮޅެކެވެ. އަހަންނަށް ވުރެން ބޮޑަށް އީތަންއަށް މި 'ފަރުވާ' ބޭނުންވެ އެވެ. އެކަކު އަނެކެއްގެ އަތުތެރޭގައި އަހަރުމެން ރުއީމެވެ. އަހަންނަކީ ކުށްވެރިއެއްކަން ނުވަތަ އަހަރެންގެ މައުސޫމްކަމަށް ގޮތްނިންމާކަށް އަހަންނަކަށް ނޭގެ އެވެ. ޔަގީންވަނީ އަހަންނާއި އެއްވަރަށް ނުވަތަ އެއަށްވުރެން ބޮޑަށް އީތަން، ވޭން ތަހަންމަލް ކޮށްފި ކަމެވެ. އަހަރެންގެ ދިފާއުގައި ކާމިލްއާއި އިކާން އަދި ފަހުން އަހާން އަހަރެންގެ 'އައްޑަނަ' އެއްގެ ގޮތުގައި ތިއްބެވެ. އެކަމަކު އީތަން ދުނިޔެއާއި ކުރިމަތިލީ އެކަނިމައި އެކަންޏެވެ.
"އައި އެމް ސޮރީ އީތަން، އައި އެމް ސޯ ސޮރީ..!" ގިސްލުމުގެ ތެރެއިން ވަރަށް ހިތްވަރުކޮށްފައި އަހަރެން ބުނީމެވެ.
"އަދިވެސް ބޯޅައޮތީ ރިދީގެ ކޯޓުގައި.. މީގައި ގޮތް ނިންމާނީ ހަމައެކަނި ރިދީ..!" އޭނާގެ ކަރުނަ ފޮހެލަމުން، އެ ޖުމުލަ ބުނެލީ ހަރުކަށިމަކާއެކު އެވެ.
އީތަންގެ އަތުތެރެއިންނިކުމެ، އީތަންގެ މޫނަށް އަހަރެން ބަލައިލީމެވެ. އޮޅުންބޮޅުންތަކަކުން ސިކުނޑި ހަލަބޮލިކޮށްލި އެވެ.
"މިއީ އަހަރުމެންގެ ނިމުންތަ؟ ނުވަތަ މިއީ އަހަރުމެންނަށް އާ ފެށުމެއްތަ؟" އަހަރެންނާއި ދުރަށްޖެހިލައި ކުރިން ތިބި ޖޯލީގައި އީތަން ހަމަޖެހިލި އެވެ. ގުޑާލަން ނޭގުނީ އަހަންނަށެވެ. ހަރަކާތް ހުއްޓިފައި އިނދެވުނެވެ. (ނުނިމޭ)