
މާލޭ ސިޓީ ކައުންސިލްގެ ބޮޑު ހަރަދެއް ކޮށްގެން ހުޅުމާލޭ ފަރުކޮޅުފުށީގައި ހުޅުވާފައިވާ ބުޅާ ބެލެހެއްޓުމުގެ ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް، މަގުމަތީގައި ދޫކޮށްލުމުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށް މޭޔަރު ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު 2 ވަނަ ދުވަހު ހުޅުވުނު "އޮޅު ހިޔާ" އަކީ މާލެ ސިޓީ ކައުންސިލްގެ ހަރަދުގައި ގާއިމުކުރި ފެސިލިޓީއެކެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށް، އެގްރިކަލްޗާ މިނިސްޓްރީން އެފެސިލިޓީ ސަރުކާރާ ހަވާލުކުރުމަށް އެދުނެވެ. މިގޮތުން މިދިޔަ މަހު 26 ވަނަ ދުވަހު މިނިސްޓްރީން ވަނީ އެފެސިލިޓީއާ ހަވާލުވެ 15 ބުޅާ ގެނެސްފައެވެ.
މޭޔަރު އާޒިމް ވިދާޅުވިގޮތުގައި، ބުޅާތައް އެތައް ބަލިތަކެއް ފަތުރާކަމަށާއި މޫދު ކައިރީ ކުޅޭ ކުދިންނާއި މޫދަށް އެރޭ އެކި އުމުރުގެ މީހުންނަށް ކޮންމެ ދުވަހަކު ބުޅަލުގެ ނަޖިހުގެ ތެރޭގައި އުޅެންޖެހޭ ހާލަތެއް އޮތްކަމަށް ފާހަގަކުރެއްވިއެވެ. މިކަމަކީ މާލެ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު އުނދަގުލެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ބުޅާ ގިނަވެފައިވުމާއެކު، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވެފައިވާކަން މޭޔަރު ފާހަގަކުރައްވައި، މަގުތަކުގައި ތިބި ބުޅާތައް ވީއެންމެ އަވަހަކަށް އޮޅު ހިޔާއަށް ގެންގޮސް ދިނުމަށް ގޮވާލައްވާފައިވެއެވެ. އެޗްޑީސީން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައި އަޅާފައިވާ ބުޅާ ފެސިލިޓީއަކީ މާލޭގެ މި ދިމާވެފައިވާ މަގުމަތީގައި ހާލުގައި ޖެހިފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ގާއިމުކޮށްފައިވާ ތަނެކެވެ.