
މި މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ 75 ރަށެއްގައި ފުލުހުންގެ ޕޮލިސް ސްޓޭޝަން އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއަށް ސަރުކާރުން ކަނޑައަޅާފައިވާ ތިން ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން، އާރުޑީސީ އަދި އެމްޓީސީސީ އެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަނުން 40 ޕޮލިސް ސްޓޭޝަން، އާރުޑީސީން 20 ޕޮލިސް ސްޓޭޝަން އަދި އެމްޓީސީސީން 15 ޕޮލިސް ސްޓޭޝަން އަޅާނެއެވެ. މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށި، އޭގެ ތެރެއިން ބައެއް ސްޓޭޝަންތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގެ ގޮތުގައި ހަމައެކަނި 17 ޕޮލިސް ސްޓޭޝަން ވަނީ ގާއިމުކުރެވިފައެވެ. އަދި 70 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މި މަޝްރޫއު ނިމުމުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ އަމިއްލަ އަދި ޒަމާނީ މަރުކަޒުތައް ގާއިމްކުރެވިގެންދާނެއެވެ.
މި ރާއްޖޭގައި އަމާންކަން ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގޭ މި މަޝްރޫއަކީ މުހިންމު މަޝްރޫއެއްކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ދެކޭކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ތިން ކުންފުންޏާ ހަވާލުކުރެވުނު މަސައްކަތުގެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ.