
ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލް ރައީސް މުއިއްޒު އަނބުރާ ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާތީއެވެ. ބަންޑާރަ ނައިބުގެ ލަފާގައި ވިދާޅުވެފައިވަނީ ބިލް އޮތްގޮތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި މި ބިލް އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. މަޖިލީހުގައި މި ހުށަހެޅުމަށް ވޯޓަށް އެހިއިރު، 50 މެންބަރުންގެ ވޯޓުން ބިލް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރިއެވެ. އެ ވޯޓުގައި 7 މެންބަރުން ވަނީ ދެކޮޅަށް ވޯޓުދީފައެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ކުރިން ފާސްކޮށްފައިވަނީ ވަރަށް އަވަސް އަރުވާލައިގެން ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. އޭރު މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ އާއި ގާނޫނީ ގިނަ ވަކީލުން ވަނީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާކަން ފާހަގަކޮށް ހުށަހަޅާފައެވެ. އެހެންނަމަވެސް، އެ ބިލް ފާސްކޮށްފައިވަނީ މި ކަންކަން ބަލައިލުމެއް ނެތިއެވެ.
މި ބިލް މަޖިލީހުން ކުރިން ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމުމާ އެކުއެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދިޔަ އެ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމާ ގުޅިގެން މި ވަގުތު ވަނީ ހުއްޓިފައެވެ.