
ޖޭއެސްސީން އަޒްމިރާލްދާގެ ދެ މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން އެއް މައްސަލައިގައި ތުހުމަތު ކުރަނީ ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ ތިން ގާޒީއަކު، އެ މައްސަލައިގައި ބަޔާން ދެއްވާފައިވާއިރު، އެއިން އެކަކުވެސް އަޒްމިރަލްދާ އަދި އަޒްމިރާލްދާގެ ފަރާތުން އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ބުނެފައިވާ ކަމަށް އަޒްމިރާލްދާގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާ ގުޅުވައި އެއްގޮތަކަށް ވެސް ގާޒީއަކު ވިދާޅުނުވާ ވާހަކައެއް ވިދާޅުވި ކަމަށް ބުނެ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ޖޭއެސްސީން ހިމަނާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ގާޒީން ދެއްވި ބަޔާންތައް ފެންނަން ހުއްޓާ، އެ ބަޔާންތަކާ ހިލާފަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވުމަކީ ޖޭއެސްސީގެ ގާނޫނުގެ އުސޫލާ ހިލާފު ކަމެއް ކަމަށް އަޒްމިރާލްދާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފަނޑިޔާރާ އެ ކޮމިޝަނުން ހިއްސާކޮށްފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެ މައްސަލައާ ގުޅިގެންނެވެ.
ސަސްޕެންޑް ކުރި ފަހުން، މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއުސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފަ އެވެ.