
އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން މިއަދު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި ދަފްތަރުގައި ހިމެނޭނީ ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި، ކުދިޖަނަވާރާއި ކުކުޅު ގެންގުޅޭ ފަރާތްތަކާއި، ގަސް ހައްދައި ވިއްކާ ފަރާތްތަކާއި އަދި ދަނޑުވެރިކަމުގެ ދާއިރާގައި ވިޔަފާރި އުސޫލުން މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކެވެ. ނަމަވެސް މިވަގުތު މީހުން ދިރިއުޅޭ ރަށްރަށުގައި އަމިއްލަ ބޭނުމަށް ދަނޑުވެރިކަންކުރާ ފަރާތްތައް މި ދަފްތަރުގައި ނުހިމެނޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި މި ދަފްތަރު ތައްޔާރުކުރުމަށްޓަކައި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން 10 އޭޕްރީލް 2025 ގެ ކުރިން މަޢުލޫމާތު ފޯމު ހުށަހެޅުމަށް އަންގާފައިވެއެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށާއި އެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް މިނިސްޓްރީން ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ބާރުވެރިކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މި ދަފްތަރަކީ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި އެގްރިކަލްޗަ މިނިސްޓަރު ޑރ. މާރިޔާ ރިސޯޓުތަކަށާއި އަތޮޅުތަކުގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވާ، ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމާއި ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން ކައުންސިލްތަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީގެ ކަމާބެހޭ އިސްވެރިއެއް ބުނީ، ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ އިގްތިސާދީ ގޮތުން މުހިންމު ކަމެއް ކަމަށާއި، މި ފަދަ ދަފްތަރެއް އެކުލަވާލުމުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދާއިރާ ތަރައްގީކުރުމަށް ރޭވޭ މަޝްރޫޢުތައް އަމާޒުކުރުން ފަސޭހަވެގެންދާނެ ކަމަށެވެ.