
މި އިސްލާހުގެ ދަށުން މާލިއްޔަތު ގާނޫނުގެ ދަށުން ހިންގަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑު އުވާލައި، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި އިސްލާހު ފާސްވެފައިވަނީ ޖަލްސާގައި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް ދެކޮޅަށް 7 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
މި އިސްލާހުގެ ދަށުން ގާއިމުކުރާ ޓޫރިޒަމް ޓްރަސްޓް ފަންޑަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ޓޫރިޒަމް ދާއިރާާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާ ފަންޑެކެވެ. މި ފަންޑަށް ޖަމާވާނީ ޓޫރިޒަމް މިނިސްޓްރީއިން ހިންގާ ޓޫރިޒަމް ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުން ލިބޭ ސްޕޮންސަރޝިޕް ފައިސާ އާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އިޖުތިމާއީ ޒިންމާގެ ދަށުން ޖަމާކުރާ ފައިސާ އާއި ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާއެވެ.
މީގެ އިތުރުން މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާނެއެވެ. ނަމަވެސް ރަށްތަކާއި ސިޓީތަކުގެ ބިނާވެށި ޕްލޭނާ އެއްގޮތަށް އެ ރަށެއްގައި ޓޫރިޒަމް ބޭނުމަށް ތަރައްގީކުރެވޭނެ ބިން ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންނެވެ.
މި އިސްލާހުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަން ރީ-ޑިވެލޮޕް ކުރުމަށް ބަންދުކުރުމާ ގުޅޭ ނަން މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. މިގޮތުން ފެންވަރު މަތިކުރުމުގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތުގައި މަސައްކަތްތައް ނުނިމޭނަމަ އެ ފަރާތަކާމެދު ފިޔަވަޅު އަޅައި، ކުލީ އެގްރީމަންޓް ބާތިލުކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިދޭނެއެވެ. ޓޫރިޒަމް ޓްރަސްޓް ފަންޑު ގާއިމުވުމުން އެފަންޑު ހިންގާނެ ކޮމިޓީއެއް އުފައްދަންވެސް ޖެހޭނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.