
މި އިސްލާހު ފާސްކުރުމަށް 55 މެންބަރުން ވޯޓު ދެއްވާފައިވާއިރު، 7 މެންބަރުން ވަނީ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހަދައި، އެތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލްތަކަށެވެ.
މި އިސްލާހުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިމާއި ފަޅުފަޅު ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 އަހަރު ދުވަހަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުއްޔަށްދީފައިވާ މުއްދަތަށް 20 އަހަރު ދުވަސް އިތުރުކުރުމަށްޓަކައި ދެ މިލިއަން ފަސް ލައްކަ އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެއެވެ. 25 އަހަރު ދުވަސް އިތުރުކުރުމަށްޓަކައި ދިހަ މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. ކުރިން ގާނޫނުގައިވާ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހެނީ އެއް ލައްކަ ޑޮލަރެވެ.
މީގެއިތުރުން، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރެވޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީގެ ހުއްދައާއެކު ކަނޑައަޅާ ވަކި މުއްދަތަކަށެވެ. ކަނޑައަޅާފައިވާ މުއްދަތުގައި ރީ-ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ނިންމާ ތަން ހުޅުވާ ހިދުމަތް ދޭން ފައްޓާފައިނުވާނަމަ ކުލީގެ އެގްރީމެންޓް ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެގްރީމަންޓް ބާތިލްކުރާ ހާލަތުގައި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެއެވެ.
ފާސްކުރެވުނު އިސްލާހުގައި ޓޫރިޒަމް ޓްރަސްޓް ފަންޑްގެ ނަމުގައި ފަންޑެއް އުފެއްދުމަށްވެސް ބަޔާންކޮށްފައިވެއެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން ގާއިމުކޮށް ހިންގަމުން އައި ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑް އުވި، އެ ފަންޑުގައިވާ ފައިސާ އަލަށް އުފެދޭ ފަންޑަށް ބަދަލުވާނެއެވެ. މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމުގެ އުސޫލާއި ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާހު ކުރުމަށްޓަކައި ކަމަށް ބުނެފައިވެއެވެ.