މިއީ މި ބާވަތުގެ މުގު ސީދާ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރެވުނު ފުރަތަމަ ފަހަރެވެ.
މި ޝިޕްމަންޓް ރާއްޖެއަށް ފޮނުވުމުގެ މަސައްކަތް މަގުފަހިކޮށްދީފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީންނެވެ. އެ މިނިސްޓްރީގެ އިސްނެގުމުގެ ދަށުން ކުރިއަށްދިޔަ މި މަޝްރޫޢަކީ އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ބޭރުގެ މާރުކޭޓުތަކަށް ފުޅާކުރުމަށާއި، ޚާއްޞަކޮށް ރާއްޖޭގެ މާރުކޭޓަށް ސީދާ ސިފައެއްގައި ތަކެތި ފޯރުކޮށްދިނުމަށް ފެށުނު މުހިންމު މަސައްކަތެކެވެ.
މި އިނިޝިއޭޓިވްގެ އެންމެ ބޮޑު ބޭނުމަކީ އިންޑިއާގެ ދަނޑުވެރިންގެ ޖަމްޢިއްޔާތަކާއި ރާއްޖޭގެ ކާބޯތަކެތި އެތެރެކުރާ މާރުކޭޓާ ސީދާ ގުޅުވާލަދިނުމެވެ. މީގެ ސަބަބުން އިންޑިއާގެ ދަނޑުވެރިން އުފައްދާ ޚާއްޞަ މުގު، މެދުވެރިއަކާ ނުލައި ސީދާ ރާއްޖޭގެ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
ކަރްނާޓަކާއިން ފޮނުވި ޖީއައި ޓެގް ލިބިފައިވާ "ގުލްބަރުގާ ތޫރު ދާލް" އަކީ ޚާއްޞަ ފެންވަރެއްގެ އުފެއްދުމެކެވެ. ކަނޑުމަގުން ސީދާ ރާއްޖެއަށް ފޮނުވުނު މި ޝިޕްމަންޓާއެކު، އިންޑިއާގެ ދަނޑުވެރިންގެ އުފެއްދުންތައް ރާއްޖޭގެ ކާބޯތަކެތި އެތެރެކުރާ މާރުކޭޓަށް ސީދާ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.