
ވަގުތީ ގޮތުން ހައިކޯޓު ހިންގުން ފައިސަލްއާ ހަވާލުކުރީ ޖޭއެސްސީން މިއަދުއެވެ. ޖޭއެސްސީން ބުނީ، ފަނޑިޔާރު ފައިސަލްއާ ހައިކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކުރަން ނިންމީ ޖޭއެސްސީގެ މިއަދުގެ ޖަލްސާގައި ކަމަށެވެ.
ޝަހީދު، ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއެކު ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވީވެސް މިއަދުއެވެ. ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއެކު ހައިކޯޓުގެ ބެންޗުން އެއް ގޮނޑި މި ވަގުތަށް ހުސްވީއެވެ. ބެލެވޭ ގޮތުގައި ޖޭއެސްސީން، ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.
ފައިސަލްއާއެކު ހައިކޯޓުގައި މި ވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. ހައިކޯޓުގައި މި ވަގުތު ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން ދެވަނައަށް އެންމެ ސީނިއާ ފަނޑިޔާރަކީ ފައިސަލްއެވެ. އެންމެ ސީނިއާ ފަނޑިޔާރަކީ މުހައްމަދު ނިޔާޒްއެވެ. ނިޔާޒްއަކީ ޖޭއެސްސީގެ ނައިބު ރައިސްއެވެ.
ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ފައިސަލް ކުރިންވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމް ފުރުއްވާފައެވެ.