ads
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓް އޮޔާދަނީ. ފޮޓޯ/ ސޯޝަލް މީޑިއާ
ދެ ބޯޓު ބްރިޖަށް އުރުން، ބްރިޖާއި ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކައުސިލުން ގޮވާލައިފި
ރާއްޖޭގެ ސަރަހައްދަށް ޤާނޫނާ ހިލާފަށް އެތެރެވި ބޭރުގެ ދެ އުޅަނދެއް ލަނގަރު ކެނޑިގެން ގޮސް، މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލައިގައި، ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު ތަޙުޤީޤުކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގައި ހިމެނޭ އެމް.ޓީ ކޭ.ޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭ.އެލް 1 (ޓަގުބޯޓު) އަކީ 2026 އެޕްރީލް 26 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ގާނޫނާ ހިލާފަށް ވަނުމާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ އުޅަނދު ކަމަށެވެ.  އަދި 2026 މެއި 3 ވަނަ ދުވަހުން ފެށިގެން މި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މާލޭގެ ބަނދަރުގައި އޮތްއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް ކައުންސިލުން ބުނެ އެވެ. 

ކައުންސިލުން ބުނީ މި ދެ ބޯޓް އޮޔާ ދިޔުމުގެ ސަބަބުން މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިކަމުގެ ހަގީގަތް ސަރުކާރުން ހާމަނުކުރާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މި ހާދިސާ ހިނގައިދިޔަ ގޮތުގެ ޞައްޙަ މަޢުލޫމާތު މިހާތަނަށްވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީއާއި، މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު މިއީ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ރިޕޯޓްކުރާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމެއް.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މާލެ ސިޓީގެ އިހްތިސާސްގައިވާ ތިމާވެއްޓާއި، ފަރުތަކާއި، ކަނޑުގެ ވަސީލަތްތަކުގެ އިތުރުން މުނިސިޕަލް އުމްރާނީ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއްކަން ފާހަގަކޮށް ކައުންސިލުން ވަނީ އެ ހާދިސާ އާ ގުޅިގެން 3 ފިޔަވަޅެއް އަޅަން ގޮވާލަފަ އެވެ  

ކައުންސިލުން ގޮވާލާފައިވާ ކަންކަމަކީ:

1. މުއައްސަސާތަކުގެ އިހުމާލު ތަޙުޤީޤުކުރުން: މި އުޅަނދުފަހަރު ރާއްޖެއަށް އެތެރެވި ގޮތާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކެނޑިގެން ގޮސް މާލޭ އިރުމަތީ ފަރަށް އަރައި ބްރިޖުގައި ޖެހެން މެދުވެރިވި ސަބަބު ބަލައި، އިހުމާލުވި ފަރާތްތައް ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި ރިޕޯޓު އާންމުކުރުން.

2. ތިމާވެއްޓާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުން: އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމާއި، ބްރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުން.

3. ސިނަމާލެ ބްރިޖުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ހެދުން: ދެ އުޅަނދު ޖެހުމުގެ ސަބަބުން ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިން އޮޑިޓަކުން ކަށަވަރުކޮށް، ބްރިޖުގެ ރައްކާތެރިކަން އާންމުންނަށް ޔަޤީންކޮށްދިނުން.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި މާލެ ސިޓީގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަވަހަށް އެޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް މާލޭ ސީޓީ ކައުންސިލުން ވަނީ ގޮވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;