ads
ބީއެމްއެލް އިން ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން. - ފޮޓޯ/ބީއެމްއެލް
ބީއެމްއެލް އިން ހިއްސާއަކަށް 55 ރުފިޔާ ބަހަން ހުށަހަޅައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހަރުދަނާ މާލީ ނަތީޖާ އެއްކޮށް، ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމުލަ 296 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފި އެވެ.
Advertisement

ބީއެމްއެލްއިން ބުނީ މިދިޔަ އަހަރުގެ ކާމިޔާބު މާލީ ނަތީޖާގެ ސަބަބުން ހިއްސާއަކަށް 55ރ. ގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހަޅާނެ ކަމަށެވެ. އެއީ އެ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު މިފަދަ ކާމިޔާބީ ނަތީޖާއެއް ހާސިލްކުރެވުމުން ފަހުރުވެރިވާ ކަމަށާއި މި ނަތީޖާ ހޯދީ ބޭންކުގެ ސިޔާސަތުތަކުގެ ހަރުދަނާ ކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަންް،" އޭނާ ވިދާޅުވި އެވެ.

އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާއެކު، ބީއެމްއެލްގެ ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާއަށް 2.24 ބިލިއަން ރުފިޔާ އެ ބޭންކަށް ވަނީ ލިބިފަ އެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. މި ގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް ހުރީ 58 އިންސައްތަގައި ކަމަށްވާއިރު، ދިވެހި ރުފިޔާއާއި ޑޮލަރުގެ ލިކިއުޑިޓީވެސް ހަރުދަނާ މިންގަނޑެއްގައި ވަނީ ހިފެހެއްޓިފަ އެވެ.

އޭގެއިތުރުން، މިދިޔަ އަހަރު ބީއެމްއެލްއިން 21،000 އަށްވުރެ ގިނަ އައު ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވާއިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭންކަށް ކުރާ އިތުބާރު ދައްކުވައިދޭ ހެއްކެއް ކަމަށް އެ ބެންކުން ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ ފައިދާއިން %25ގެ ޓެކުހެއް ދައްކައި ވާދަވެރިކަން ބޮޑު މާހައުލެއްގައި ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ދައްކައިދެނީ ބޭންކުގެ ހިންގުން ހަރުދަނާކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް