
ރާނީ ބުނިގޮތުގައި އޭނާ އުފަންވުމަށްފަހު އެހެން ކުއްޖަކާ އޮޅި، އެހެން ޕަންޖާބީ ޢާއިލާއަކާ ހަވާލުކުރެވުނެވެ. ރާނީގެ މަންމަ ކުއްޖާ ފެނުމާއެކު "އޯ މައި ގޮޑް! މިއީ އަހަރެންގެ ކުއްޖެއް ނޫން. އަހަރެންގެ ދަރިފުޅުގެ ލޮލުގެ ކުލައަކީ ބްރައުން" ކިޔާފައި އަހަރެންގެ ދަރިފުޅު ހޯދަން ބުނިކަމަށް ރާނީ ހާމަކުރިއެވެ.
ހޮސްޕިޓަލްގެ ހުރިހާ ކޮޓަރިއެއް ބަލަނިކޮށް ރާނީ ފެނުނީ ޕަންޖާބީ އާއިލާއަކާ އެކުގައެވެ. މި ހާދިސާއާ ގުޅިގެން ރާނީގެ މަންމަ ގިނަފަހަރު މަޖާކުރާ ކަމަށާއި، ޕަންޖާބީ ސަގާފަތުގެ އަސަރު އޭނާގެ ޢާއިލާއަށް ކޮށްފައިވާ ކަމަށް ރާނީ ބުނެފައިވެއެވެ. ރާނީ މިހާރު ކައިވެނިކޮށްގެން އުޅެނީވެސް ޕަންޖާބީ ޢާއިލާއަކާ އެކުގައެވެ.
ރާނީ މުކެޖީއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓްރެސްއިންގެ ތެރެއިން އެކެކެވެ. އޭނާ ޝާރުކް ހާން، ސަލްމާން ހާން، އާމިރު ހާން އަދި ސައިފް އަލީ ހާން ފަދަ މަޝްހޫރު އެކްޓަރުންނާއެކު މަސައްކަތްކޮށްފައިވެއެވެ. 29 އަހަރުގެ އުމުރުގައި ރާނީ ވަނީ "ކުޗް ކުޗް ހޯތާ ހޭ"، "ސާތިޔާ"، "ހަމް ތުމް"، "ބްލެކް"، "ވީރު ޒާރާ"، "ބަންޓީ އޯރު ބަބްލީ" ފަދަ 10 ހިޓް ފިލްމު ހަދާފައެވެ. ރާނީގެ ނެޓްވާތު ގާތްގަނޑަކަށް 200 ކްރޯ ރުފިޔާއަށް އަރާކަމަށް ލަފާކުރެވެއެވެ.
ރާނީ މިހާރު ކާމިޔާބުކަމާއެކު "މަރދާނީ" ޕޮލިސް އެކްޝަން ފްރެންޗައިޒް ކުރިއަށް ގެންދެއެވެ. ފުރަތަމަ ދެ ފިލްމު ވަނީ ހިޓްވެފައެވެ. އަދި އޭނާ ދެން ފެންނާނީ "މަރދާނީ 3" ގައެވެ. ރާނީ ކައިވެނިކޮށްގެން އުޅެނީ އަދިތިޔާ ޗޯޕްރާއާއެވެ. އަދި އެ ދެމަފިރިންނަށް އަދީރާ ނަމަކަށް ކިޔާ އަންހެން ދަރިއެއް ލިބިފައިވެއެވެ. ރާނީއަކީ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ހާމަނުކުރާ މީހެކެވެ.