ads
ރައީސް ޑރ. މުއިއްޒު
ރައީސް ފިޔާޒަށް އިންޒާރުދިން މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި
ރައީސް މުއިއްޒު، ނޫސްވެރިޔާ ފިޔާޒަށް އިންޒާރުދިން މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމައިފި އެވެ.
Advertisement

ޕީޖީ އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީ.އީ.އޯ ހުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށް ފަހު، 23 މާރިޗު 2025 ދުވަހު ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ފުލުހުންގެ ހޯދާފައިވާ ހެކި ގަރީނާ ޕީޖީ އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދައުވާ ނުކުރުމަށް އެ އޮފީހުން ވަނީ ނިންމާފައި ކަމަށެވެ. 

"ހުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީއެވެ،" ޕީޖީން ބުންޏެވެ.

"އަދަދު" ނޫހުން މީގެ ކުރިން ނެރުނު ބަޔާނުގައިވާ ގޮތުގައި، ފިޔާޒަށް ގުޅުއްވައި ރައީސް އިންޒާރުދެއްވީ އެމްޑީޕީން ސަރުކާރާ ދެކޮޅަށް އޭރު ސިލްސިލާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އެ ޕާޓީގެ މެމްބަރަކު، ރައީސް މުއިއްޒުގެ އާއިލީ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަަދައްކާފައިވާތީ އެކަމާ ކޯފާވެގެންނެވެ.

މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން އެމްޓީޔޫސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.

ފުލުހުންގެ އިތުރުން ފިޔާޒުއަށް ބިރުދެއްކި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް މިދިޔަ ހޯމަ ދުވަހު ފިޔާޒު ވަނީ އެމްއެމްސީއަށް ހާޒިރު ވެސް ކޮށްފަ އެވެ. އެއަށްފަހު ރައީސް އޮފީހާ ބައްދަލު ކުރުމަށް އެމްއެމްސީން ވަނީ މިހާރު އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިވަޑައިގެންފައެވެ. އޭނާވަނީ، ފިޔާޒަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނާއަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ އައްސަވަން ހުށަހަޅުއްވައިފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް