
ހާފިޒުންނަށް ހަނދާނީ ލިޔުން ދިނީ ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިރޭ ބޭއްވި ހަފުލާގަ އެވެ.
ހާފިޒުން ދަސްވެނިވުމަށް މިފަހަރު ވަނީ ހާއްސަ ގައުންއެއް ތައާރަފްކޮށްފަ އެވެ. ހާފިޒުން ދަސްވެނިވީ އެގައުންގަ އެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ދޭހަކޮށްދޭކަމެކެވެ.
ހާފިޒުން ދަސްވެނިވުމުގައި ބޭނުންކުރި (ގައުނު އަދި ތާކިހާ) ތައްޔާރު ކޮށްފައިވަނީ ދިވެހިންގެ ދީނީ އަގީދާއާއި ދިވެހީންގެ މެދުގައިވާ އިސްލާމީ އުހުއްވަތްތެރިކަމާއި ގުރްއާންގެ އިލްމުގެ ކުރިބޯށިކަމުގައިވާ މާލޭ ހުކުރުމިސްކިތުގައިވާ އިސްލާމީވަންތަ ކުރެހުންތައް އަސްލަކަށް ބަލައިގެން ދިވެހި ސަގާފަތާއި ތާރީހާއި އިލްމީ ހަޟާރަތު ރަމްޒުވާގޮތުގެ މަތިންނެވެ.
ހާފިޒުން އުފެއްދުމަށް މި ސަރުކާރުންދޭ ހާއްސަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާއިރު، ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ. އަދި ހާފިޒުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިވަގުތަށް 250 ކުދިންނަށް ހާފިޒު ކަމުގެ ސަނަދު މިނިސްޓްރީން ދީފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ ދަސްވެނިވީ މިދިޔަ ޖުލައި އިން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް، ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާފައިވާ މިންގަނޑަށް ހިފްޒު ކޮމެޓީ އަށް ކިޔައިދީ ފާސްވެފައިވާ ހާފިޒުންނެވެ.