
މީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ފަށާ ޕޮޑްކާސްޓެއްކަމަށް ރައީސް އޮފީހުން ބުނެެެެެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިިއަދު އާއްމުކުރަން ވަނީ ނިންމާފައެވެ. މި އެޕިސޯޑު އޮތީ މިއަދު މެންދުރު 1 ޖަހާއިރުކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕޮޑްކާސްޓް ގެނެސްދޭނީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުންނެވެ.
ޕޮޑްކާސްޓް ހޯސްޓަކީ ޓީވީއެމްގެ މަޝްހޫރު ކުރީގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.
ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، ރައީސް ޑރ. މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތުކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން "ރައްޔިތުންގެ އަޑު" ޕޯޓަލް އާއި "އަހާ ފޯރަމް" ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.