
"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސަންޓު އިސްލާމުން އުޅޭ ގައުމަކަށްވާތީ ރޯދަ މަހަކީ ވަރަށް އިސްކަން ދޭންޖެހޭ މައްސަރެއް ކަމަށެވެ. ކޮންމެ ގޭބީސީއަކަށް 48 މަސްދަޅު ހިމެނޭ ކޭހެއް ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ ބަސްތާ ދިން ކަމަށާއި، މި އަހަރު މަސްދަޅު ކޭސް ދިނުމަށް ނިންމީ ރޯދަ މަހުގައި މަސްދަޅަކީ ވަރަށް ބޮޑަށް ބޭނުންކުރާ އަދި އަގުބޮޑު އެއްޗަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް މަސްދަޅު ކޭސް ގެންގޮސްފައިވަނީ އަތޮޅުތެރޭގެ 61,099 ގޭބީސީއާއި މާލޭގެ 49,899 ގޭބީސީއިންނެވެ. ރައީސް ވިދާޅުވީ ގާތްގަނޑަކަށް ހުރިހާ ގޭބީސީއަކުން މަސްދަޅު ކޭސް ގެންގޮސްފައިވާ ކަމަށާއި، މިހާރު ނުގެންގޮސް ހުރި ފަރާތްތަކަށް ބޭނުން ގަޑިއަކު ވަޑައިގެން ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
ރޯދަ މަހާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ހާއްސަ ލުޔެއް ދީފައެވެ. ރޯދައަށް މަސްދަޅު ކޭސް ބެހުން ފެށިގެން ދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށާއި، މާލޭގައި ކުޑަކޮށް ހަލަބޮލިވި ނަމަވެސް އެކަން ހައްލުކޮށް ފަހުން މާލޭގައިވެސް މަސްދަޅު ކޭސް ބަހާފައިވަނީ ހަމަޖެހުމުގެ ތެރެއިން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.