ads
ގިރާވަރުފަޅު:
"ހޯޕް އައިލެންޑް" ގިރާވަރު ފަޅަށް ބަދަލުކުރަން ނިންމައިފި
ކުރިން ދ. ވާނީގައި ތަރައްގީކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް" މާލެ ކައިރީގައިވާ ގިރާވަރު ފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވާހަކަދައްކަމުން، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވީ، ދ. ވާނީއަކީ މާލެއާ ދުރު ރަށަކަށްވުމުން، އެތަނަށް ދަތުރުކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެތީ، މި މަޝްރޫއު ގިރާވަރު ފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. 

"ވާނީގައި އެތަން ތަރައްގީކޮށްފިނަމަ މާލެއިން ވައިގެ މަގުން ދާން މިޖެހެނީ ކުޑަހުވަދޫއަށް. ކަނޑުމަގުން ދާނަމަ އެތަކެއް ގަޑިއިރެއް އެބަ ހޭދަވޭ. ހަރަދުގެ ގޮތުން ބަލާނަމަ އެފޯޑް ކުރެވޭވަރަށްވުރެ ބޮޑު ހަރަދެއް ހިނގާނެ" ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ގިރާވަރު އުތުރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި ހަމަ އެ ފަޅުން "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިންވެސް ހިއްކައި، އެ މަޝްރޫއުވެސް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ހާމަކުރެއްވިއެވެ.

"ހޯޕް އައިލެންޑް" ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 700 އެއްހާ މީހުންގެ ޖާގައަށް ހާއްސަކޮށްގެން ކަމަށާއި، އެތަނުގައި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، އެތަނުގައި މުދައްރިސުންނާއި ފުލުހުންގެ އިތުރުން ކުޅިވަރުތައް ކުޅޭއިރު ބޭނުންވާ އިންސްޓްރަކްޓަރުންނަށް ބޭނުންވާ ވަސީލަތްތަކާއި، ކުދިންނަށް ކިޔަވައިދޭނެ ސްކޫލާއި ސިއްހީ ހިދުމަތް ދޭނެ ތަންތަންވެސް ހިމެނޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް