
މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ހަދަމުންދާ ބްރިޖުގެ މަސައްކަތްކުރަމުން އަންނަނީ އެ ގައުމުގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ތިލަމާލެ ބްރިޖުގެ އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން މިއަދު ގާއިމުކޮށްފައިވާކަމަށެވެ. މީ ދުނިޔޭގެވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓްކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
މިޕްރީކާސްޓް އުސްމިނުގައި 8.2 މީޓަރު ހުންނައިރު، ފުޅާ މިނުގައި 25.3 މީޓަރުގެ ހުންނަކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އަދި ޕްރީކާސްޓްގެ ބަރުދަނުގައި 216.04 މެޓްރިކް ޓަނު ހުންނާނެކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.
ތިލަމާލެ ބްރިޖުގެ އެންމެ ޕްރިކާސްޓް، މީ ދުނިޔޭގެވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް
މި ޕްރިކާސްޓާ ގާއިމުކުރުމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ކާމިޔާބީއާއެކު މަސައްކަތުގެ ދުވެލި އަވަސްވެ، ތާވަލާ އެއްގޮތަށް މަސައްކަތް ނިންމޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ތިލަމާލެ ބްރިޖު އަންނަ އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ލިބެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި 100 މިލިއަން ޑޮލަރު ލިބެނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައެވެ.