
"އިލްމު އުނގެނުމުގެ މާތްކަން" މި މައުލޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު މެންދރު ދިން ހުތުބާގައި، އިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އަދި އެކަމުގެ ސަބަބުން މާތް ﷲގެ ލޯބި އެމީހަކަށް ލިބިގެންދާކަމެއްކަމަށް ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ، އިލްމު އުނގެނުމަކީ މަތިވެރި މަގާމެއް ލިބިގެންވާ އަޅުކަމެއްކަމަށާއި، އިލްމު އުނގެނުމަށް ނަބިއްޔާވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމަށެވެ.
މީގެ އިތުރުން، އިލްމު އުނގެނުމަކީ އެމީހެއްގެ ޝަރަފާއި، މާތްކަމާއި، މަތުވެރިކަމުގެ އިތުރުން އޭނާގެ ދަރަޖަ އިތުރުކުރައްވާކަމެއްކަމަށް ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ، އިލްމު އުނގެނުމަކީ އެކަމެއްގެ ސަބަބުން ތިމާއަށާއި އެހެން މީހުންނަށްވެސް އޭގެ ލާބަޔާއި މަންފާ ލިބިގެންދާކަމަކަށްވާތީ، ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅެއް އިލްމު އުނގެނުމަށް ހުސްކުރުމަށް ބާރުއަޅުއްވާފައިވާކަމަށެވެ. އަދި އިލްމުވެރިޔާ މަރުވުމަށްފަހުގައިވެސް، އޭނާ އުނގެނިފައިވާ އަދި އެހެން މީހުންނަށް ފޯރުކޮށްދީފައިވާ އިލްމަކުން ފައިދާ ކުރާނެކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.